ތޫފާން ޗަމްޕީ ތައިވާނަށް އަރައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ؛ އެކަކު މަރުވެ 350 އަށްވުރެ ގިނަ މީހުންނަށް އަނިޔާ
ޕެސިފިކް ކަނޑުގައި އުފެދުނު ބާރުގަދަ ތޫފާން ޗަމްޕީ ތައިވާނުގެ އިރުއުތުރު ސަރަހައްދަށް އެރުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވެ، އެކަކު މަރުވެ 350 އަށްވުރެ ގިނަ މީހުންނަށް އެކި ވަރުގެ އަނިޔާތައް ލިބިއްޖެއެވެ.
މި ތޫފާނާ ގުޅިގެން ތައިވާނުގެ ސެންޓްރަލް ވެދަރ އެޑްމިނިސްޓްރޭޝަން އިން ވަނީ ކުރިއަށް އޮތް ގަޑިތަކުގައިވެސް ނުރައްކާތެރި ބާރުވައިޖެހި، މޫސުން އިތުރަށް ގޯސްވާނެތީ އާންމުން ގޭގޭގައި ތިބުމަށް ހަރުކަށި އިންޒާރެއް ނެރެފައެވެ.
ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކުރި ސަރަހައްދުތަކުން ގަސްތައް ވެއްޓި، ފިހާރަތަކާއި ސްކޫލްތައް ބަންދުކުރަން ޖެހިފައިވާއިރު، އެތައް ހާސް ބައެއްގެ ގެއިން ވަނީ ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 4،300 އަށްވުރެ ގިނަ މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ.
Ads by BMLއެމެރިކާގެ ޖޮއިންޓް ތައިފޫން ވޯނިންގް ސެންޓަރުން ހާމަކުރި ގޮތުގައި، ކުރިން ސުޕަރ ތޫފާނެއްގެ ގޮތުގައި ގަޑިއަކު 300 ކިލޯމީޓަރުގެ ބާރުމިނުގައި ވައިޖެހެމުންދިޔަ މި ތޫފާން މިހާރު ވަނީ ކޮންމެވެސް ވަރަކަށް ބާރުދެރަވެފައެވެ. ނަމަވެސް، މިހާރުވެސް ތޫފާނުގެ މަރުކަޒުގައި ގަޑިއަކު 185 ކިލޯމީޓަރުގެ ބާރުމިނުގައި ވައިޖެހެމުންދާ ކަމަށް އެ އިދާރާއިން ރިޕޯޓުކުރެއެވެ.
މޫސުމާ ބެހޭ މާހިރުން ލަފާކުރާ ގޮތުގައި ތޫފާނުގެ ދުވެލި މަޑުވުމުގެ ސަބަބުން، ކުރިއަށް އޮތް ދުވަސްތަކުގައި ތައިވާނަށް ކުރާ އަސަރު ދިގުލައިގެންދާނެއެވެ. އަދި ބައެއް ސަރަހައްދުތަކަށް 900 މިލިމީޓަރު (35 އިންޗި) ގެ ވާރޭ ވެހޭނެ ކަމަށް ބެލެވެއެވެ.
މި ތޫފާނުގެ އަސަރު ޖަޕާނުގެ އޮކިނާވާގެ ރަށްތަކަށްވެސް ދަނީ ކުރަމުންނެވެ. އެގޮތުން އެ ސަރަހައްދުގެ 8،400 އަށްވުރެ ގިނަ ގެއިން ވަނީ ކަރަންޓު ކެނޑިފައެވެ. ތޫފާން "ޗަމްޕީ" ދެން މިސްރާބު ޖަހާނެ ކަމަށް ބެލެވެނީ ޗައިނާގެ އިރުމަތީައްސޭރިއަށް މަޑުޖެހުމަށްފަހު ޖަޕާނުގެ މައި ބިމާ ދިމާލަށެވެ. މީގެ ސަބަބުން އެ ސަރަހައްދުގެ ވައިގެ ދަތުރުފަތުރަށް ބުރޫއަރައި، އެތައް ސަތޭކަ ފްލައިޓެއް ވަނީ ކެންސަލްކޮށްފައެވެ.
ދުނިޔޭގެ މީޓިއޮރޮލޮޖިކަލް އޯގަނައިޒޭޝަން އިން ހާމަކުރި ގޮތުގައި، މިފަހަރު ޕެސިފިކް ސަރަހައްދުގައި އުފެދެމުންދާ ވަރުގަދަ ތޫފާންތަކަކީ "އެލް ނީނިއޯ" ގެ ސަބަބުން ދުނިޔޭގެ ފިނިހޫނުމިނަށް އަންނަމުންދާ އާދަޔާޚިލާފު ބަދަލުތަކުގެ ސަބަބުން ދިމާވާ ކަންކަމެވެ. އަދި މިފަހަރުގެ އެލް ނީނިއޯގެ ބާރުގަދަކަން ވޭތުވެދިޔަ 40 އަހަރުގެ ތެރޭގައި ރެކޯޑުނުކުރެވޭ މިންވަރަކަށް މަތިވެ، އޭގެ ނޭދެވޭ އަސަރު 2027 ވަނަ އަހަރާ ހަމައަށް ދެމިގެންދާނެ ކަމަށް އދ. އިން ވަނީ އިންޒާރުދީފައެވެ
Ads by MACL
