ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މާރަންދޫ ސްކޫލަށް ދިމާވި ޖާގައިގެ ދަތިކަމަށް 35 އަހަރު ފަހުން ދާއިމީ ހައްލެއް

މާރަންދޫ ސްކޫލްގެ އައު އިމާރާތް -----
މާރަންދޫ ސްކޫލްގެ އައު އިމާރާތް -----

ހއ. މާރަންދޫ ސްކޫލަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމުގެ މައްސަލައަށް 35 އަހަރުގެ ދިގު އިންތިޒާރަކަށްފަހު ދާއިމީ ހައްލެއް ލިބުމާ ގާތަށް އަތުވެއްޖެއެވެ.

އެ ސްކޫލަށް ދިމާވެފައިވާ ކްލާސްރޫމްތަކުގެ ދަތިކަމާއި މުވައްޒަފުން މަސައްކަތް ކުރާނެ އެކަށީގެންވާ ޖާގަ ނެތުމުގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން 2022 ވަނަ އަހަރު ފެށި އިމާރާތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް މިހާރު ވަނީ އެންމެ ފަހުގެ މަރުހަލާއަށް އައިސްފައެވެ.

އެމްޓީސީސީން ތަރައްޤީކުރާ ދެ ފަންގިފިލާގެ މި އައު އިމާރާތުގައި 4 ކްލާސްރޫމާއި، ސްޓާފް ރޫމަކާއި، ހެލްތު ރޫމެއްގެ އިތުރުން ސައިންސް ލެބެއް ވަނީ ޤާއިމްކޮށްފައެވެ.

މަސައްކަތުގެ އެންމެ ފަހުގެ ތަފްސީލު ހާމަކުރައްވަމުން އެމްޓީސީސީގެ ސައިޓް އިންޗާޖް ޖައިލަމް ހާރޫން ވިދާޅުވީ، ސާމާނު ލިބުމުގައި ދަތިތަކެއް ކުރިމަތިވި ނަމަވެސް މިދިޔަ ހަފުތާގައި އަލުން މަސައްކަތް ފަށައި، މިހާރު ކުރިއަށްދަނީ ފިނިޝިންއާއި، ކަރަންޓު ކޭބަލް އެޅުމާއި ނެޓްވޯކް ގުޅުމުގެ މަސައްކަތްތައް ކަމަށެވެ. އަދި ކުރިއަށް އޮތް ހަފުތާއެއްގެ ތެރޭގައި އެ މަސައްކަތްތައް އެއްކޮށް ނިންމާލެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެލްކޭޖީން ފެށިގެން ގްރޭޑް 10 އާ ހަމައަށް 176 ދަރިވަރުން ތަޢުލީމު ހާސިލްކުރަމުންދާ މާރަންދޫ ސްކޫލްގައި، ޖާގައިގެ ދަތިކަން ބޮޑުވުމުގެ ސަބަބުން ކިޔަވައިދެމުންދިޔައީ ހޯލުގައި ޕާޓިޝަން ޖަހައިގެން ހަދާފައިވާ ކްލާސްރޫމްތަކާއެކު ޖުމްލަ 10 ކްލާސްރޫމެއްގައެވެ. ނަމަވެސް "ކޫލް ސްކޫލް" މަޝްރޫޢުގެ ދަށުން އެ ކްލާސްރޫމްތައް ވަނީ އޭސީކޮށްފައެވެ.

އޭގެ އިތުރުން، އެ ސްކޫލްގައި މަސައްކަތްކުރާ 45 މުވައްޒަފުންނަށް އެކަށީގެންވާ ޖާގައެއް ނެތުމުގެ ސަބަބުން ގިނަ ފަހަރަށް ގޯތިތެރޭގައި ތިބެގެން މަސައްކަތް ކުރަންޖެހުނު ނަމަވެސް، އައު އިމާރާތާއެކު އެކަމަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. އަދި ދެން އެ ސްކޫލަށް އެންމެ ބޮޑަށް ބޭނުންވަނީ މަލްޓިޕާޕަސް ހޯލެއް ކަމަށް އެ ސްކޫލުން ފާހަގަކުރެއެވެ.