އަމާޒަކީ ހަރުދަނާ މާލީ ނިޒާމަކާއެކު އިޤުތިޞާދު ބިނާކުރުން: ވަޒީރު ޙަސަން ޒަރީރު
ހަރުދަނާ މާލީ ނިޒާމަކާއި ޒިންމާދާރުކަމުގެ ތެރެއިން އިޤުތިޞާދީ ލޮޅުންތަކަށް ތައްޔާރުވެފައިވާ ވިލުންތެރި އިޤުތިޞާދެއް ބިނާކުރުމަކީ ސަރުކާރުގެ މައިގަނޑު އަމާޒު ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ އިންސްޓިޓިއުޓް އޮފް ޗާޓާރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (ސީއޭ މޯލްޑިވްސް) އިން އިންތިޒާމުކޮށްގެން ބޭއްވި މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް 2026 ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރު ޒަރީރުގެ ވާހަކަފުޅުގައި، ދެމެހެއްޓެނިވި އިޤުތިޞާދެއް ބިނާކުރުމަށް އެދޭ ކޮންމެ ޤައުމެއްގެ ސިޔާސަތުތައް ބިނާވާންޖެހޭނީ އިތުބާރާއި، ޒިންމާދާރުކަމާއި، ވަސީލަތްތައް ހެޔޮގޮތުގައި ބެލެހެއްޓުމުގެ މައްޗަށް ކަމަށް ބަޔާންކުރެއްވިއެވެ. އަދި މިކަމުގެ މައިގަނޑު ބިންގަލަކީ ހަރުދަނާ އެކައުންޓެންސީ ދާއިރާއެއް ކަމަށާއި، އެކައުންޓިންގއަކީ ހަމައެކަނި އާންމު ފައިސާ ބެލެހެއްޓުން ނޫން ކަމަށާއި، އެއީ އިންވެސްޓަރުންގެ އިތުބާރު ހޯދައި އިޤުތިޞާދީ ހިންގުން ހަރުދަނާކޮށްދޭ މުހިންމު ބަހާއެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
Ads by BMLރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިޞްލާޙީ ފިޔަވަޅުތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ވޭތުވެދިޔަ ދޮޅު އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން 1.4 ބިލިޔަން ޑޮލަރުގެ ދަރަނި އަދާކޮށްފައިވާ ކަމަށެވެ. މިއީ ރާއްޖޭގެ ތާރީޚުގައިވެސް ދަރަނި އަދާކުރި އެންމެ ބޮޑު މިންވަރު ކަމަށާއި، މީގެ ސަބަބުން ފިޗް ރޭޓިންގްސް އާއި މޫޑީސް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ މަތިކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މީގެއިތުރުން، ސަރުކާރުގެ ދުރުރާސްތާ އަމާޒަކީ 2040 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖެއަކީ ފުރިހަމައަށް ތަރައްޤީވެފައިވާ ޤައުމަކަށް ހެދުން ކަމަށާއި، އެ ތަޞައްވުރު ހާސިލުކުރެވޭނީ ޕްރައިވެޓް ސެކްޓަރު އިސްވެ އޮންނަ، ފުޅާ އަދި ޑިޖިޓަލް އިޤުތިޞާދަކާއި ހަރުދަނާ މާލީ ދާއިރާއެއް އޮވެގެން ކަމަށް ވަޒީރު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ސީއޭ މޯލްޑިވްސްއިން ދާއިރާގެ ބައިވެރިވުން އިތުރުކުރުމަށް ތަޢާރަފުކުރި އެކައުންޓެންޓްސް އިން ބިޒްނަސް ރަޖިސްޓްރޭޝަނާއި، ޒުވާން ހުނަރުވެރިން އުފެއްދުމަށް ދަރިވަރުން ރަޖިސްޓްރީ ކުރުމަށް ފަށާފައިވާ މަސައްކަތްތަކަށް ވަޒީރު ވަނީ މަރުޙަބާ ވިދާޅުވެ، އެ މުއައްސަސާގެ ރެގިއުލޭޓަރީ ޤާބިލުކަން އިތުރުކުރުމަށް ސަރުކާރުން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.
Ads by MACL
