ރަސްމާލެއާއެކު 54،000 ވަޒީފާ: އެމްބީސީގެ ފުރިހަމަ ތާއީދު މަޝްރޫޢަށް!
ރަސްމާލޭގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ވޯޓަރފްރަންޓް އަދި މެރީނާ މަޝްރޫޢަކީ ރާއްޖޭގެ އިޤްތިޞާދީ ދުވެލި އަވަސްކޮށް، ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރުމުގެ އިތުރުން ދިވެހިންނަށް ގިނަގުނަ ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދޭނެ މުހިންމު މަޝްރޫޢެއް ކަމަށް ބަޔާންކޮށް މޯލްޑިވްސް ބިޒްނަސް ޗެމްބަރ އިން އެ މަޝްރޫޢަށް ފުރިހަމައަށް ތާޢީދުކޮށްފިއެވެ.
އެމްބީސީން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، ގާތްގަނޑަކަށް 20 ބިލިއަން ޔޫއެސް ޑޮލަރު (308 ބިލިއަން ރުފިޔާ) ގެ މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުވެ، އަންނަން އޮތް ޖީލުތަކަށް ދިގު މުއްދަތުގެ އިޤްތިޞާދީ ފާގަތިކަން ގެނެސްދޭނެއެވެ. އަދި އިބްތިދާއީ އަންދާޒާތަކުން ދައްކާ ގޮތުގައި މި މަޝްރޫޢުގެ ދަށުން 30 ބިލިއަން ޑޮލަރަށްވުރެ ގިނަ ބޭރުގެ ސީދާ އިންވެސްޓްމަންޓް ޤައުމަށް ގެނެވޭނެއެވެ.
މި މަޝްރޫޢުގެ ތަފާސްހިސާބުތަކަށް އަލިއަޅުއްވާލަމުން އެ ޖަމްޢިއްޔާއިން ހާމަކުރި ގޮތުގައި، މަޝްރޫޢުގެ ސަބަބުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން 54،000 އަށްވުރެ ގިނަ ވަޒީފާ އުފެދިގެންދާނެއެވެ. އަދި މަޝްރޫޢު ފުރިހަމަވުމުން އަހަރަކު 1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށް، އަހަރަކު 2 ބިލިއަން ޑޮލަރުގެ ފަތުރުވެރިކަމުގެ އާމްދަނީއެއް ޤައުމަށް ލިބިގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ.
Ads by BMLމީގެއިތުރުން، އެތެރޭގެ އުފެއްދުންތެރިކަން އިތުރުވެ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޮޑެތި ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށް އެމްބީސީން ބުނެއެވެ. ޚާއްޞަކޮށް ޢިމާރާތްކުރުމާއި، ދަނޑުވެރިކަމާއި، މަސްވެރިކަމާއި، ހޮސްޕިޓާލިޓީ، ލޮޖިސްޓިކްސް، ރީޓެއިލް، ޓެކްނޮލޮޖީ އަދި ޕްރޮފެޝަނަލް ޚިދުމަތްތަކުގެ ދާއިރާއިން ވިޔަފާރިތަކަށް އައު މާކެޓްތައް ތަނަވަސްވެގެންދާނެކަން ފާހަގަކޮށްފައިވެއެވެ.
އެމްބީސީގެ ބަޔާނުގައި އިތުރަށް ބާރުއަޅާފައިވަނީ، މި މަޝްރޫޢުން ލިބޭ އިޤްތިޞާދީ މަންފާ ރާއްޖޭގެ އެތެރޭގައި ހިފެހެއްޓުމަށްޓަކައި ދިވެހި ވިޔަފާރިވެރިންނަށް މުދަލާއި ޚިދުމަތް ހޯދުމުގެ ފުރުޞަތުތައް ފަހިކޮށްދިނުން މުހިންމު ކަމަށެވެ. އަދި ރަސްމާލެ މަޝްރޫޢަކީ ދައުލަތުގެ އާމްދަނީ އިތުރުކުރުމަށާއި، ބޯހިޔާވަހިކަމާއި އުމްރާނީ ތަރައްޤީ ހަރުދަނާކޮށް، ކުރިމަގުގެ ޖީލުތަކަށް ވާދަވެރި ވިޔަފާރީގެ މާޙައުލެއް ޤާއިމުކުރުމަށް އެޅޭ ވަރަށް އުންމީދީ އަދި ހެޔޮ ފިޔަވަޅެއްގެ ގޮތުގައި އެ ޖަމްޢިއްޔާއިން ވަނީ ސިފަކޮށްފައެވެ.
Ads by MACL
