ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އަލައްބާރާއި ޔަހޫދީންނާ ނުގުޅުވޭނެ، އީގަލް ހިލްސްގެ މަޝްރޫއު ވަރަށް ރަނގަޅު: ނަޝީދު

 ކުރީގެ ރައީސް މުހައްމަދު ނަޝީދު / ފޮޓޯ ކްރެޑިޓް: ވަގުތު އިމޭޖްސް
ކުރީގެ ރައީސް މުހައްމަދު ނަޝީދު / ފޮޓޯ ކްރެޑިޓް: ވަގުތު އިމޭޖްސް

ރަސްމާލޭގައި ވޯޓާ ފްރަންޓް އެންޑް މެރީނާ މަޝްރޫއެއް ހިންގަން ހަވާލުކޮށްފައިވާ އީގަލް ހިލްސް ކުންފުންޏާއި އެ ކުންފުނީގެ ޗެއާމަން މުހައްމަދު އަލައްބާރާ ދިފާއުކުރައްވައި، ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ވާހަކަދައްކަވައިފިއެވެ.

ރަސްމާލޭގައި ތަރައްގީގެ ބޮޑު މަޝްރޫއެއް ހިންގުމަށް ސަރުކާރުން އީގަލް ހިލްސްއާ ހަވާލުކުރަން ނިންމި ނިންމުމާ ގުޅިގެން ފާޑުކިޔުންތަކެއް އަމާޒުވަމުންދާ ދަނޑިވަޅެއްގައި، ނަޝީދު މިކަމަށް ތާއީދުކުރައްވައި ވާހަކަދެއްކެވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުގައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، އީގަލް ހިލްސްއިން ރާއްޖޭގައި ހިންގާ މަޝްރޫއަކީ ވަރަށް ރަނގަޅު އަދި ފައިދާހުރި މަޝްރޫއެކެވެ.

އީގަލް ހިލްސްގެ ޗެއާމަން އަލައްބާރާއި ޔަހޫދީންނާ ގުޅުވައިގެން ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވަމުން ނަޝީދު ވިދާޅުވީ، އަލައްބާރަކީ ޔޫއޭއީ ބިނާކުރުމުގެ އެންމެ އިސް ހިއްސާދާރު ކަމަށާއި، އޭނާއާ ޔަހޫދީންނާ ގުޅުވަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އަދި އޭނާގެ އިސްރާއީލު ރަހުމަތްތެރިން ތިބި ނަމަވެސް، އޭނާއަކީ ޔަހޫދީންގެ މަސްލަހަތު ކުރިއަރުވާ މީހެއް ނޫން ކަމަށްވެސް ނަޝީދު ފާހަގަކުރެއްވިއެވެ.

ރަސްމާލެ މަޝްރޫއާ ގުޅިގެން އާންމުންގެ މެދުގައި ބޮޑެތި ބަހުސްތަކެއް ހިނގަމުންދާއިރު، އެ ސަރަހައްދުން ބޭރުގެ އެއްވެސް ގައުމެއްގެ ބަޔަކަށް 25 އިންސައްތައަށްވުރެ އިތުރަށް ޕްރޮޕަޓީ ނުގަނެވޭނެ ކަމަށާއި، އިސްރާއީލުގެ އެއްވެސް މީހަކަށް އެތަނުން ބިން ނުވަތަ ފްލެޓް ނުގަނެވޭނެ ކަމަށް ސަރުކާރުން ވަނީ މީގެ ކުރިން ހާމަކޮށްފައެވެ