ބިމު އަޑިން ފެންގަނޑު ނުހިނދޭތީ ހުޅުމާލެ ސަހަރާ ބަންދުކޮށް، ވަޅުލުން އާސަހަރާއަށް!
މިފަހުން ރާއްޖެއަށް ކުރި ވިއްސާރައާ ގުޅިގެން ބިމުގެ އަޑިން ފެންގަނޑު ނުހިނދޭތީ، ހުޅުމާލެ ސަހަރާގައި މީހުން ވަޅުލުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.
މާލޭ ސިޓީ ކައުންސިލުން މިއަދު ހާމަކުރި ގޮތުގައި، ވިއްސާރައަށްފަހު ހުޅުމާލެ ސަހަރާގައި ކަށްވަޅު ކޮނުމުން ކަށްވަޅުތަކުގައި 8 އިންޗިއާއި 9 އިންޗިއާ ދެމެދުގެ މިންވަރަކަށް ފެން ހަރުލާފައި ހުރެއެވެ. އެހެންކަމުން، ހުޅުމާލެ ސަހަރާގައި މީހުން ވަޅުލުން މެދުކަނޑާލުމަށްފަހު، މިހާރު މައްޔިތުން ވަޅުލުމުގެ ކަންކަން ވަނީ މާލޭ އާސަހަރާއަށް ބަދަލުކޮށްފައެވެ.
ވިއްސާރަ ދުވަސްވަރު ހުޅުމާލެ ސަހަރާގައި ފެންބޮޑުވެ، މީހުން ވަޅުލުމަށް ދަތިވުމުގެ މައްސަލައަކީ މީގެ ކުރިންވެސް ކުރިމަތިވަމުން އަންނަ ބޮޑު މައްސަލައެކެވެ. އެގޮތުން މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައިވެސް ބިމުގެ އަޑިން ފެންގަނޑު ނުހިނދުމުގެ ސަބަބުން އެ ސަހަރާގައި މީހުން ވަޅުލުން މެދުކަނޑާލަން ޖެހުނެވެ.
Ads by BMLމި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން ހުޅުމާލެ ސަހަރާގައި ވޯޓާ ޑްރެއިނިންގ ސިސްޓަމެއް (ފެން ހިންދާ ނިޒާމެއް) ގާއިމުކުރުމަށް މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ސިޓީ ކައުންސިލުން ނިންމާފައިވެއެވެ. ނަމަވެސް، އެ މަސައްކަތް ފެށިފައިވާ ކަމުގެ އެއްވެސް ތަފްސީލެއް ނުވަތަ މައުލޫމާތެއް ސިޓީ ކައުންސިލުން ފަހުން ހާމަކޮށްފައެއް ނުވެއެވެ
Ads by MACL
