ހުޅުމާލޭގައި އެކައުންޓެންޓްސް ފޯރަމް 2026 400 އަށްވުރެ ގިނަ ބައިވެރިންނާއެކު ފަށައިފި
ހަތަރުސަތޭކައަށްވުރެ ގިނަ ބައިވެރިންނާއެކު "މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް 2026" މިއަދު ހުޅުމާލޭގައި ފަށައިފިއެވެ. މިއީ އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ސިލްސިލާކޮށް ބާއްވަމުން އަންނަ ފޯރަމެކެވެ.
ހުޅުމާލޭ މެންހަޓަން ގްރޭންޑް ހޮޓެލްގައި ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ފޯރަމަކީ ރާއްޖޭގެ އެކައުންޓިންގ އަދި އޮޑިޓިންގ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ މެދުގައި އިލްމާއި ފަންނީ ތަޖުރިބާ ހިއްސާކޮށް، ދާއިރާ ކުރިއެރުވުމަށް މަޝްވަރާކުރުމުގެ މަގްސަދުގައި ބާއްވާ ބައްދަލުވުމެކެވެ. މީގެ އިތުރުން، މި ދާއިރާގައި ޕްރޮފެޝަނަލް އެކްސެލެންސް ޕްރޮމޯޓްކުރުމާއި، މަސައްކަތުގެ އަހްލާގީ އުސޫލުތައް ހަރުދަނާކުރުމަށް ހިތްވަރުދިނުންވެސް މި ފޯރަމްގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.
މި ފޯރަމްގައި ރާއްޖޭގެ އެކައުންޓެންޓުންނާއި، މާލީ އަދި ވިޔަފާރި ދާއިރާގެ އިސް ބޭފުޅުންގެ އިތުރުން ސިޔާސަތު ކަނޑައަޅާ ފަރާތްތައް ހިމެނޭހެން 400 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވެއެވެ. ފޯރަމްގެ ތެރެއިން ތަފާތު އެކި މައުޟޫޢުތަކަށް އަމާޒުކޮށްގެން ޕްރެޒެންޓޭޝަންތަކާއި، ކީނޯޓް ސްޕީޗްތަކުގެ އިތުރުން ޕެނަލް ޑިސްކަޝަންތައް ކުރިއަށްގެންދިއުމަށް ވަނީ ރޭވިފައެވެ.
Ads by BMLފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީއޭ މޯލްޑިވްސްގެ ރައީސް މުހައްމަދު ހަލީމް އަބްދުﷲ ވިދާޅުވީ، މި ފޯރަމަކީ މިހާރު ހަމައެކަނި އެކައުންޓަންޓުން އެއްވާ އެއްވުމެއް ނޫން ކަމަށެވެ. އަދި މިއީ މާލީ މާހިރުންނާއި، ވިޔަފާރިވެރިން، ސިޔާސަތު އެކަށައަޅާ ފަރާތްތައް، ރެގިއުލޭޓަރުން، އިންވެސްޓަރުން އަދި ތައުލީމީ ދާއިރާގެ ބޭފުޅުން ބައިވެރިވާ ގައުމީ ފެންވަރުގެ ފުޅާ ޕްލެޓްފޯމަކަށް ބަދަލުވެފައިވާ ފޯރަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
Ads by MACL
