ރަސްމާލެ މަޝްރޫޢަކީ ދައުލަތަށް ހިރާސް ކުޑަ، އާމްދަނީ ބޮޑު މަޝްރޫޢެއް: ވަޒީރު މުއްޠަލިބު
ރަސްމާލޭގައި އީގަލް ހިލްސް މެދުވެރިކޮށް ކުރިއަށްގެންދާ އުމްރާނީ ތަރައްޤީގެ ބިޔަ މަޝްރޫޢަކީ ދިވެހި ދައުލަތަށް އޭގެއިން ވާނެ ހިރާސް އެންމެ ކުޑަ އަދި މާލީ ގޮތުން އެންމެ ބޮޑު ފައިދާއެއް ލިބިގެންދާނެ ގޮތަށް ރޭވިގެން ހިންގާ މަޝްރޫޢެއް ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމްގައި ވާހަކަދައްކަވަމުން ވަޒީރު މުއްޠަލިބު ވަނީ 2040 ވަނަ އަހަރާ ހަމައަށް ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަސައްވުރު ހާސިލުކުރުމަށްޓަކައި ސަރުކާރުން ކުރައްވަމުންދާ މުހިންމު މަސައްކަތްތަކުގެ ތަފްސީލު ހާމަކުރައްވާފައެވެ.
އެގޮތުން، ކުޑަ އާބާދީއެއް އޮތް ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކުރުމުގައި ޤުދުރަތީ ރީތިކަމާއި އަމާންކަމުގެ ބޭނުން ހިފުމަކީ އެންމެ އެދެވޭ ގޮތް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކެކޭ އެއްފަދައިން ރިއަލް އެސްޓޭޓް ޓޫރިޒަމްގެ ދާއިރާ ފުޅާކުރުމަށް ސަރުކާރުން އިސްކަންދޭކަން ފާހަގަކުރެއްވިއެވެ.
Ads by BMLވަޒީރު ވިދާޅުވި ގޮތުގައި، އިކުއިޓީއާއެކު ނުވަތަ އިކުއިޓީއާ ނުލައި ޖޮއިންޓް ވެންޗަރ އުސޫލުން ޕްރޮޕަޓީތައް ދޫކުރުމަކީ ދައުލަތަށް ހިރާސް ބޮޑު ކަމެކެވެ. ނަމަވެސް، ޕްރޮޕަޓީތަކުގެ ބާރު ދައުލަތުގެ އަތްމަތީގައި ބާއްވައި، 99 އަހަރަށް ލީޒް އުސޫލުން ދޫކޮށްގެން ކޮންމެ މުއާމަލާތަކުން ދައުލަތަށް އާމްދަނީ ލިބޭނެ ގޮތަށް ރޭވުމުން ދައުލަތަށް ލިބޭ ފައިދާ ބޮޑުވެގެންދާނެއެވެ.
ރަސްމާލެ މަޝްރޫޢުގެ ދަށުން ތަރައްޤީކުރާ 8,800 އަށްވުރެ ގިނަ ޕްރޮޕަޓީގެ ފުރަތަމަ މުއާމަލާތުން އެކަނިވެސް ދައުލަތަށް 10 އިންސައްތައިގެ އާމްދަނީއެއްގެ ގޮތުގައި 3.1 ބިލިއަން ޑޮލަރު ލިބޭނެ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ. މީގެ އިތުރުން، ކޮންމެ ޕްރޮޕަޓީއެއްގެ ފުރަތަމަ މުއާމަލާތުން އިތުރު 1.2 ބިލިއަން ޑޮލަރު ދައުލަތަށް ވަންނާނެ ކަމަށްވެސް މުއްޠަލިބު ވިދާޅުވިއެވެ.
އެ ޕްރޮޕަޓީތަކުގެ ވެރިފަރާތް ބަދަލުކުރާ ކޮންމެ ހާލަތެއްގައިވެސް މުއާމަލާތްތައް ކުރިއަށްގެންދަންޖެހޭނީ ސަރުކާރު މެދުވެރިކޮށް ކަމަށްވާތީ، ކުރިއަށް އޮތް ތަނުގައިވެސް އެއިން އިތުރު އާމްދަނީ ލިބެމުންދާނެއެވެ. އަދި ފަތުރުވެރިކަމުގެ ޤާނޫނުގެ ދަށުން 500 ހެކްޓަރުގެ ފަޅެއް ނުވަތަ ބިމެއް ދޫކޮށްގެން ލިބޭ މިންވަރަށްވުރެ މިއީ ދައުލަތަށް މާ ފައިދާހުރި ގޮތެއްކަން ވަޒީރު އަޅާކިޔައިދެއްވިއެވެ.
މި މަޝްރޫޢު އެއްކޮށް ނިމުމުން އަހަރަކު 1 މިލިއަން ފަތުރުވެރިން ރަސްމާލެއަށް ޒިޔާރަތްކޮށް، އަހަރަކު 2 ބިލިއަން ޑޮލަރުގެ އާމްދަނީއެއް އިޤްތިޞާދުގެ ތެރެއަށް ވަންނާނެ ކަމަށް ލަފާކުރެވެއެވެ. އަދި ހެކްޓަރަކަށް ޓީޖީއެސްޓީގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީ 8 ގުނަ އިތުރުވެގެންދާނެއެވެ.
މީގެ އިތުރުން، އަމިއްލަ ސެކްޓަރުގައި 15,000 އަށްވުރެ ގިނަ ވަޒީފާގެ ފުރުސަތު އުފެދި، ވަޒީފާ ފޯރުކޮށްދިނުމުގައި ސަރުކާރަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަވެ، ދައުލަތުގެ ޚަރަދުތައް ދެމެހެއްޓެނިވި ގޮތެއްގައި ކުޑަކުރެވޭނެއެވެ. ވަޒީރު ވިދާޅުވި ގޮތުގައި ރިއަލް އެސްޓޭޓް ދާއިރާ ފުޅާވުމަކީ ފަތުރުވެރިކަމަށް އޮތް ހުރަހެއް ނޫން ކަމަށާއި، އޭގެ ސަބަބުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ ދާއިރާ އިތުރަށް ކުރިއަރައިގެންދާނެއެވެ.
Ads by MACL
