ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ތިމާވެށީގެ ބޮޑެތި އިންވެސްޓްމަންޓްތަކަށް ރާއްޖެއިން ދުނިޔެއަށް ގޮވާލައިފި!

ވޯލްޑް ގްރީން އިކޮނޮމީ ސަމިޓް 2026 ގެ ތެރެއިން ބޭއްވުނު މިނިސްޓީރިއަލް ރައުންޑްޓޭބަލް ބައްދަލުވުމުގެ ބައިވެރިން އެކުގައި / ފޮޓޯ: ބިޒްނަސް ވައިއަރ
ވޯލްޑް ގްރީން އިކޮނޮމީ ސަމިޓް 2026 ގެ ތެރެއިން ބޭއްވުނު މިނިސްޓީރިއަލް ރައުންޑްޓޭބަލް ބައްދަލުވުމުގެ ބައިވެރިން އެކުގައި / ފޮޓޯ: ބިޒްނަސް ވައިއަރ

އިއާދަކުރަނިވި ހަކަތައާއި، މޫސުމީ ބަދަލުތަކަށް ކެތްކުރެވޭ ފަދަ އިންފްރާސްޓްރަކްޗަރތައް ގާއިމުކުރުމަށާއި، ޖަޒީރާ މުޖުތަމައުތަކުގެ ދިރުމަށްޓަކައި ހިތްވަރުގަދަ އަދި ބޮޑެތި މޫސުމީ އިންވެސްޓްމަންޓްތަކެއް ބޭނުންވާ ކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޯ ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އިބްރާހީމް މިމްރާހު ވިދާޅުވެއްޖެއެވެ.

ސްޓޭޓް މިނިސްޓަރު މިމްރާހު މިހެން ވިދާޅުވީ، "ވޯލްޑް ގްރީން އިކޮނޮމީ ސަމިޓް 2026" ގެ ހަވާސާގައި ބޭއްވުނު "ފްރޮމް އެމްބިޝަން ޓު ބޭންކަބަލް އެކްޝަން - މޮބިލައިޒިންގ ގްރީން އިންވެސްޓްމަންޓްސް ފޯ އަ ރެސިލިއަންޓް އެންޑް އިންކްލޫސިވް ގްލޯބަލް އިކޮނޮމީ" ސައިޑް އިވެންޓުގައި ވާހަކަދައްކަވަމުންނެވެ.

މި ހަރަކާތުގައި ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރު ވަނީ، މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކަށާއި ދެމެހެއްޓެނިވި ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދުމަށްޓަކައި، އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމަންޓްތައް ރާއްޖެއަށް ދަމައިގަތުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

އަދި ދުނިޔޭގެ އިގްތިސާދު މޫސުމީ ބަދަލުތަކަށް ކެތްކުރެވޭ، ހުރިހާ ބައިވެރިން ހިމެނޭ ފަދަ އިގްތިސާދަކަށް ހެދުމަށްޓަކައި ގްރީން އިންވެސްޓްމަންޓްތައް އިތުރުކުރުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ