ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރޭޕްކޭސް: އަނިޔާ ލިބުނު ފަރާތްތަކުގެ ކަރާމަތަށް އުނިކަން އަންނާނެފަދަ މައުލޫމާތު ނުފެތުރުމަށް އެޗްއާރުސީއެމް އިން އިލްތިމާސްކޮށްފި

ރޭޕްކޭސް: އަނިޔާ ލިބުނު ފަރާތްތަކުގެ ކަރާމަތަށް އުނިކަން އަންނާނެފަދަ މައުލޫމާތު ނުފެތުރުމަށް އެޗްއާރުސީއެމް އިން އިލްތިމާސްކޮށްފި

ރާއްޖޭގެ ދެކުނުގެ ރަށެއްގައި ހިންގި ރޭޕްގެ އަނިޔާވެރި ހާދިސާއާ ގުޅިގެން، އަނިޔާ ލިބުނު ފަރާތްތަކުގެ ކަރާމާތަށް އުނިކަން އަތުވެދާނެ ފަދަ ޒާތީ މައުލޫމާތާއި ފޮޓޯ ސޯޝަލް މީޑިއާއާއި ނޫސްތަކުގައި ދައުރު ނުކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން އިލްތިމާސްކޮށްފިއެވެ.

އެޗްއާރުސީއެމުން ނެރުނު އިލްތިމާސްގައި ބުނެފައިވަނީ، ދެކުނުގެ ރަށެއްގައި ހިންގި އެ އަނިޔާވެރި އަމަލާ ގުޅުވައި ސޯޝަލް މީޑިއާ އަދި ނޫސްތަކުގައި މައުލޫމާތު އާންމުކުރުމުގައި އަނިޔާ ލިބުނު ފަރާތްތަކުގެ ކަރާމާތަށް އުނިކަން އަތުވެދާނެ ފަދަ ޒާތީ މައުލޫމާތު ހާމަނުކުރުމަށް އެދޭ ކަމަށެވެ. އަދި އެ ފަރާތްތައް އިތުރަށް އަނިޔާއަށް ހުށަހެޅިގެން ހިނގައިދާނެ ފަދަ އެއްވެސް މައުލޫމާތެއް ނުވަތަ ފޮޓޯއެއް އާންމުކޮށް ދައުރު ނުކުރުމަށް ވެސް ކޮމިޝަނުން ވަނީ އެދިފައެވެ.

މީގެއިތުރުން، މި މައްސަލަ އަވަސް މުއްދަތެއްގެ ތެރޭގައި ތަޙުޤީޤުކޮށް، އެ އަނިޔާވެރި އަމަލު ހިންގި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެސް ޝަރީޢަތަށް ހުށަހެޅުމަށް ވެސް އެޗްއާރުސީއެމުން ވަނީ ކަމާބެހޭ މުއައްސަސާތަކަށް ގޮވާލާފައެވެ.

ދެކުނުގެ ރަށެއްގައި ހިންގި މި އަނިޔާވެރި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އެކި މައުލޫމާތާއި ފޮޓޯތައް ދައުރުވަމުންދާއިރު، އަނިޔާ ލިބޭ ފަރާތްތަކުގެ ހައްޤުތަކާއި ކަރާމާތް ރައްކާތެރިކޮށް، ގާނޫނީ އިމުގެ ތެރެއިން މައްސަލަތައް އިންސާފުވެރިކަމާއެކު ބެލުމުގެ މުހިންމުކަން އެޗްއާރުސީއެމުން ވަނީ ފާހަގަކޮށްފައެވެ.