ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ތަކެތީގެ ވެރިފަރާތްތައް ހޯދަން އިޢުލާންކޮށްފި
މާލެއާއި ވިލިމާލޭގެ މަގުމަތިން ހޮވައިގެންނާއި އެކި މައްސަލަތަކުގެ ތުހުމަތުގައި ހުއްޓުވި މީހުންގެ އަތުން ފެނިފައިވާ ގިނަ އަދަދެއްގެ ތަކެތީގެ ވެރިފަރާތްތައް ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ފަށައިފިއެވެ. ފުލުހުންގެ މީޑިއާއިން ހާމަކޮށްފައިވާ ގޮތުގައި، މި ތަކެއްޗަކީ މާލެއާއި ވިލިމާލޭގެ އެކި ޕޮލިސް ސްޓޭޝަންތަކުގެ ބެލުމުގެ ދަށުގައި މިހާރު ހުރި ތަކެއްޗެވެ.
މާފަންނު ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައި ހުރި ތަކެތީގެ ތެރޭގައި، މި ހިނގާ އޮކްޓޫބަރު މަހުގެ 8 ވަނަ ދުވަހު މަޖީދީމަގު ސްޓަރ ކްލައުޑް ކައިރިން ހޮވައިގެން ގެނެސްފައިވާ 50 ރުފިޔާއާއި، އޮކްޓޫބަރު 11 ގައި ދަތުރުވެރިންގެ މާރުކޭޓު ކުރިމަތިން ހުއްޓުވި މީހެއްގެ އަތުން ފެނުނު ބައިސްކަލެއްގެ އިތުރުން އޮކްޓޫބަރު 23 ގައި ނަސްރީނުގޯޅިން ފެނުނު ފެންޕަމްޕެއް ހިމެނެއެވެ. ފުލުހުން ވަނީ މި ތަކެތީގެ ވެރިފަރާތްތަކުން 9660183 އަށް ގުޅައި، އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރުމަށްފަހު، ކާކުކަން އެނގޭނެ ރަސްމީ ލިޔުމަކާއެކު މާފަންނު ޕޮލިހަށް ހާޒިރުވެ ތަކެއްޗާ ހަވާލުވުމަށް އެދިފައެވެ.
ގަލޮޅު ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައި ހުރި ތަކެތީގެ ތެރޭގައި، އޮކްޓޫބަރު 9 ވަނަ ދުވަހު އަނޯނާގޯޅިން ފެނުނު އޭސީ އައުޓްޑޯ ޔުނިޓަކާއި، އޮކްޓޫބަރު 13 ގައި ޝަހީދު ކުޑަނެވިތުއްތު މަނިކު ހިނގުމުން ރެޑްވޭވް ކައިރިން ފެނުނު ވެހިކަލް ބެޓެރިއެއްގެ އިތުރުން އޮކްޓޫބަރު 17 ގައި ދަތުރުވެރިންގެ މާރުކޭޓު ކުރިމަތިން ހުއްޓުވި މީހެއްގެ އަތުން ފެނުނު ފުރޮޅުލީ ގޮނޑިއެއް ހިމެނެއެވެ. މި ތަކެތީގެ ވެރިފަރާތްތަކުން 9631696 އަށް ގުޅައި، އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ދިނުމަށްފަހު ގަލޮޅު ޕޮލިހަށް ހާޒިރުވުމަށް ފުލުހުން ވަނީ އެދިފައެވެ.
Ads by BMLހެންވޭރު ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައި ހުރި ތަކެތީގެ ތެރޭގައި، ސެޕްޓެމްބަރު 27 ވަނަ ދުވަހު ހ. ބްރައިޓްވިލާ ދޮރުމަތިން ފެނުނު ކުޑަކުއްޖެއްގެ ބައިސްކަލަކާއި، އޮކްޓޫބަރު 12 ގައި އޭޑީކޭ ހޮސްޕިޓަލަށް ދަތުރުކުރި ޓެކްސީއަކުން ފެނުނު ރީތިވާ ސާމާނު އަޅާފައިހުރި ކޮތަޅެއް ހިމެނެއެވެ. މި ތަކެތީގެ ވެރިފަރާތްތަކުން 9400053 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށްފަހު ހެންވޭރު ޕޮލިހަށް ހާޒިރުވުމަށް ފުލުހުން އެދެއެވެ.
މީގެއިތުރުން، ވިލިމާލެ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައި އޮކްޓޫބަރު 15 ވަނަ ދުވަހު ވިލިމާލެ ފެރީ ޓާމިނަލް ފިނިމައިޒާން ކައިރިން ހޮވައިގެން ގެނެސްފައިވާ 1,100 ރުފިޔާ އެބައޮތެވެ. އެ ފައިސާގެ ވެރިފަރާތުން 9833000 އަށް ގުޅައި، އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކޮށް، ކާކުކަން އެނގޭނެ ލިޔުމަކާއެކު ވިލިމާލެ ޕޮލިހަށް ހާޒިރުވެ ފައިސާއާ ހަވާލުވުމަށް ފުލުހުންގެ މީޑިއާއިން ވަނީ އިލްތިމާސްކޮށްފައެވެ.
Ads by MACL
