ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރަސްމާލޭން ލިބޭ ޓީޖީއެސްޓީ އާދައިގެ ރިސޯޓަކަށްވުރެ 8 ގުނަ އިތުރުވާނެ: މިނިސްޓަރު ޑރ. މުއްތަލިބު

ފުށިދިއްގަރު ފަޅު ހިއްކައިގެން ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ރަސްމާލެ އިކޯ-ސިޓީގެ ތަޞައްވުރު ދައްކުވައިދޭ ތްރީޑީ ކުރެހުމެއް / ފޮޓޯ ކުރެޑިޓް: ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ފުށިދިއްގަރު ފަޅު ހިއްކައިގެން ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ރަސްމާލެ އިކޯ-ސިޓީގެ ތަޞައްވުރު ދައްކުވައިދޭ ތްރީޑީ ކުރެހުމެއް / ފޮޓޯ ކުރެޑިޓް: ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން

ރާއްޖޭގެ ރިސޯޓަކުން ސަރުކާރަށް މިހާރު ލިބެމުންދާ ޓީޖީއެސްޓީގެ އާމްދަނީއަށްވުރެ، ރަސްމާލެ ވޯޓާފްރޮންޓް މަޝްރޫޢުން ހެކްޓަރަކަށް ލިބޭ ޓީޖީއެސްޓީ 8 ގުނަ އިތުރުވާނެ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ރަސްމާލޭގައި ތަރައްޤީކުރާ 8,800 އަށްވުރެ ގިނަ ޕްރޮޕަޓީތަކުގެ ފުރަތަމަ މުއާމަލާތުން އެކަނިވެސް ދައުލަތަށް 10 އިންސައްތައިގެ އާމްދަނީއެއް ލިބޭނެ ކަމަށެވެ. މިއީ ގާތްގަނޑަކަށް 3.1 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ކަމަށާއި، އަދި ކޮންމެ ޕްރޮޕަޓީއެއްގެ ފުރަތަމަ މުއާމަލާތްތަކުން ޖުމްލަ 1.2 ބިލިއަން ޑޮލަރު ދައުލަތަށް ލިބިގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ޑރ. މުއްތަލިބު އިތުރަށް ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ޤާނޫނުގެ ދަށުން 99 އަހަރަށް 500 ހެކްޓަރުގެ ފަޅެއް ނުވަތަ ބިމެއް ދޫކުރުމުން އިކުއިޒިޝަން ކޯސްޓުގެ ގޮތުގައި ދައުލަތަށް ލިބެނީ 75 މިލިއަނާއި 316 މިލިއަން ޑޮލަރާ ދެމެދުގެ އާމްދަނީއެއް ކަމަށެވެ. ނަމަވެސް، ރަސްމާލެ މޮޑެލްގެ ދަށުން ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި ދައުލަތަށް ގާތްގަނޑަކަށް 3.1 ބިލިއަން ޑޮލަރު ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވިދާޅުވިއެވެ.