ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ބޮޑު ތަފާތަކުން އީގަލްސް ބަލިވުމުގެ ޒިންމާ ރެފްރީ ނަގަންޖެހޭނެ: ކޯޗު ހަނީފް

ފޮޓޯ: ޕީއެސްއެމް ނިއުސް
ފޮޓޯ: ޕީއެސްއެމް ނިއުސް

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅެ، ކްލަބް އީގަލްސް ބޮޑު ތަފާތަކުން ބަލިވުމުގެ މައިގަނޑު ޒިންމާ ނަގަންޖެހޭނީ މެޗަށް އިންސާފުކުރި ރެފްރީ މުޙައްމަދު އިސްމާޢީލް ކަމަށް އީގަލްސްގެ ކޯޗު ޢަބްދުﷲ ހަނީފްބުނެފިއެވެ.

ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗުން އީގަލްސްގެ މައްޗަށް ނިއުރޭޑިއަންޓުން ކުރިހޯދީ 1-7 ގެ ފަރަގުބޮޑު ނަތީޖާއަކުންނެވެ. މި މެޗުގައި ރެފްރީ ނިންމި ގިނަ ނިންމުންތަކަކާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް، އީގަލްސްގެ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ ދަނޑުމަތީގައި އަޑުއުފުލާފައެވެ.

އީގަލްސްއިން އެންމެ ބޮޑަށް ފާހަގަކުރި އެއް މައްސަލައަކީ، މެޗުގެ 20 ވަނަ މިނެޓުގައި ނިއުރޭޑިއަންޓަށް ލިބުނު ޕެނަލްޓީއެވެ. މިއީ މުޅިން ހުސްކޮށް ބޯޅައާއެކު އޭރިއާ ތެރެއަށް ވަންނަން ދިޔަ ޢަލީ އަޝްފާޤް (ދަގަނޑޭ) ހުއްޓުވަން އީގަލްސްގެ ވިޝާޙް ޢަބްދުލް މަޖީދު ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ. ނަމަވެސް، ޕީއެސްއެމްގެ ޔެސް ޓީވީގެ ވީޑިއޯ ރީޕްލޭއިން ފެންނަ ގޮތުގައި އެ ފައުލް ހިނގާފައިވަނީ އޭރިއާ ބޭރުންނެވެ.

މެޗަށްފަހު ވާހަކަދައްކަމުން ކޯޗު ޢަބްދުﷲ ހަނީފް ބުނީ، މެޗުގެ ބަދަލުވެގެންދިޔަ މައިގަނޑު ސަބަބަކީ (ޓާނިންގް ޕޮއިންޓަކީ) އެ ގޯސް ޕެނަލްޓީ ކަމަށެވެ. އަދި މީގެކުރިން ހއ. ދިއްދޫ ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް މި ރެފްރީގެ ފަރާތުން ގޯސް ނިންމުންތަކެއް ފެނުމުން، އެފްއޭއެމްއަށް ރަސްމީކޮށް ލިޔުމުން މައްސަލަ ހުށަހަޅާފައި ވަނިކޮށް، އަލުން އީގަލްސްގެ މެޗަކަށް އޭނާ ހަމަޖެއްސި ސަބަބެއް ނޭނގޭ ކަމަށް ހަނީފް ފާހަގަކުރިއެވެ. ރެފްރީ މުޙައްމަދު އިސްމާޢީލް ދަނޑުން ފެނުނު ހިސާބުން ވެސް ކުޅުންތެރިންގެ ނަފްސާނީ ވިސްނުމަށް ނުރަނގަޅު އަސަރުތަކެއް ކުރިކަމަށް އޭނާ ބުންޏެވެ.

"މި މެޗުގައި މައްސަލައަކީ ހަމަ ރެފްރީ. އޭނަގެ ސަބަބުން ޓީމު އިތުރަށް ވެއްޓި، ދެން އޭނަގެ ފަރާތުން ރަނގަޅުކަމެއް ނާންނާނެކަން އެނގުނީމަ ހަމަ ޕްލެޔަރުން ދާނީ ހައްތަހާ އަޑިއަށްތާ. ކިތަންމެ މަސައްކަތެއް ކުރިޔަސް ރެފްރީ ދެކޮޅަށް ހިފާފަ ހުރެއްޖެއްޔާ ޓީމަކަށް ކާމިޔާބެއް ނުކުރެވޭނެ،" ރެފްރީގެ ނިންމުންތަކުގެ ސަބަބުން މެޗުގެ ނަތީޖާއަށް ކުރި އަސަރު ހާމަކުރަމުން ހަނީފް ބުންޏެވެ.

މި މެޗުގެ ކުރިން ކުޅުނު ފަސް މެޗުގައި އީގަލްސްގެ ކޮޅަށް ވަދެފައިވަނީ އެންމެ ތިން ލަނޑު ކަމަށްވެފައި، އެ ޓީމަކީ ވަރުގަދަ ޑިފެންސިވް ކުޅުމެއް ދައްކަމުން އައި ޓީމެކެވެ. ނަމަވެސް، މި ބައްޔާއެކު އީގަލްސް ވެގެން ގޮސްފައިވަނީ މި ސީޒަނުގެ ދިވެހި ލީގުގައި އެންމެ ފަރަގުބޮޑު ނަތީޖާއަކުން ބަލިވި ޓީމަށެވެ. މި މެޗަށްފަހު ވެސް އީގަލްސްއިން ވަނީ ރެފްރީ މުޙައްމަދު އިސްމާޢީލާ ދެކޮޅަށް ރަސްމީކޮށް، ލިޔުމުން މައްސަލަ ހުށަހަޅާފައެވެ