ވޭޕުގެ މަޅިން ސެލީނާ ސަލާމަތްވީ އަޑަށް އައި ބަދަލާއެކު!
އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި އެކްޓަރު ސެލީނާ ގޮމޭޒް، އޭނާގެ އަޑަށް ބޮޑެތި ބަދަލުތަކެއް އަންނަން ފެށުމުން ވޭޕުކުރުން މުޅިން ހުއްޓާލާފައިވާކަން ހާމަކޮށްފިއެވެ.
ސެލީނާ މިކަން ހާމަކުރީ އޭނާގެ ރަސްމީ އިންސްޓަގްރާމް އެކައުންޓްގެ ސްޓޯރީއެއް މެދުވެރިކޮށެވެ. އޭނާ ބުނި ގޮތުގައި މާގިނައިން ނިކޮޓިން ވޭޕުކުރުމުގެ ސަބަބުން އޭނާގެ އަޑަށް ވަނީ ދާއިމީ ބަދަލުތަކެއް އައިސް، ކުރިއަށްވުރެ ބަރުވެފައެވެ. އަދި އެއީ ދެން ބަދަލުނުކުރެވޭނެ ފަދަ ގެއްލުމެއް ކަމަށްވެސް އޭނާ ގަބޫލުކުރެއެވެ.
މި ބަލިމަޑުކަމާއި އާދައިން ސަލާމަތްވުމަށް ކުރި މަސައްކަތްތަކާ ގުޅޭގޮތުން ސެލީނާ ފާހަގަކުރި ގޮތުގައި، ވޭޕުކުރުމަކީ އެއްވެސް ބޭނުމެއް އޮތް ކަމެއް ނޫނެވެ. އަދި މީގެ ކުރިން 2025 ވަނަ އަހަރު އޭނާގެ އަޑަށް ބަދަލު އައީ ލޫޕަސް ބަލީގެ ސަބަބުން ކަރުތެރެ ދުޅަވުމުން ކަމަށް ބުނެފައިވީ ނަމަވެސް، މިފަހަރު އޭނާ ވަނީ އެއީ ސީދާ ވޭޕުކުރުމުގެ ސަބަބުން ދިމާވި މައްސަލައެއްކަން ކަށަވަރުކޮށްދީފައެވެ. ނިކޮޓިންއަކީ ދޫކޮށްލަން ވަރަށް އުނދަގޫ އެއްޗެއްކަން ފާހަގަކޮށް، ސެލީނާ ބުނީ އެކަމުން ސަލާމަތްވުމަށް ބޮޑެތި އުނދަގޫތަކެއްވި ކަމަށެވެ.
Ads by BMLޚަބަރު ނިންމާލަމުން ސެލީނާ ވަނީ ނިކޮޓިންގެ އަވައިގައި ޖެހިފައިވާ އެހެން މީހުންނަށްވެސް އެކަމުން ސަލާމަތްވުމަށް ހިތްވަރުދީފައެވެ. އޭނާ ވޭޕުކުރުން ހުއްޓާލުމަށް ފަހު މިހާރު ހުރީ އެކަމާ ވަރަށް ބޮޑަށް އުފަލުން ކަމަށާއި، ކުރިއަށް އޮތް ތަނުގައި ވެސް ވޭޕާ ދުރުގައި ހުރެވޭނެ ކަމަށް އުންމީދުކުރާ ކަމަށް އޭނާ ބުންޏެވެ. އަދި ބޮޑެތި އުނދަގޫތަކާ އެކު ވެސް ހިތްވަރުކޮށްފި ނަމަ އެކަން ކާމިޔާބުވާނެ ކަމަށް ސެލީނާ ވަނީ ފާހަގަކޮށްފައެވެ.
Ads by MACL
