ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ބޮޑު ތަރުހީބެއް؛ އުފެއްދުންތައް 83.5 އިންސައްތަ އިތުރުވެއްޖެ

ދިވެހިންގެ އުފެއްދުންތެރިކަމުގެ ގައުމީ މައުރަޒު (މޯލްޑިވްސް އެކްސްޕޯ 2026) ގެ ތެރެއިން / ފޮޓޯ: ބިޒްނަސް ސެންޓަރ ކޯޕަރޭޝަން
ދިވެހިންގެ އުފެއްދުންތެރިކަމުގެ ގައުމީ މައުރަޒު (މޯލްޑިވްސް އެކްސްޕޯ 2026) ގެ ތެރެއިން / ފޮޓޯ: ބިޒްނަސް ސެންޓަރ ކޯޕަރޭޝަން

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ދިވެހިންގެ އުފެއްދުންތެރިކަމުގެ ގައުމީ މައުރަޒަށް (މޯލްޑިވްސް އެކްސްޕޯ 2026) އާންމުންނާއި އުފެއްދުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވާކަން ހާމަވެއްޖެއެވެ.

މިއަހަރުގެ މައުރަޒާ ގުޅޭގޮތުން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މި އަހަރުގެ މަޢުރަޒުގައި ޖުމްލަ 419 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. އަދި މި ފަރާތްތަކުން ޖުމްލަ 4،404 އުފެއްދުމެއް މައުރަޒުގައި ބައިވެރިކޮށްފައިވެއެވެ.

މިއީ ވޭތުވެދިޔަ 2025 ވަނަ އަހަރުގެ މައުރަޒާ އަޅާބަލާއިރު، މައުރަޒަށް ހުށަހެޅި އުފެއްދުންތަކުގެ އަދަދުގެ ގޮތުން ބަލާއިރު 83.5 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ.

މި މައުރަޒަކީ ދިވެހިންގެ އަމިއްލަ އުފެއްދުންތެރިކަމާއި، އަތްތެރި މަސައްކަތްތަކުގެ ހުނަރުވެރިކަން ދައްކާލުމުގެ އިތުރުން، ދިވެހި އުފެއްދުންތަކަށް ބާޒާރު ހޯދައިދިނުމަށް ސަރުކާރުން ބާރުއަޅައިގެން ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ. މިއަހަރުގެ މައުރަޒުން ފެނިގެންދާ މި ބޮޑު ކުރިއެރުމަކީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ސިނާއަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.