ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ކުދި ވިޔަފާރިތަކަށް 795 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި: ރައީސް މުއިއްޒު

މޯލްޑިވްސް އެކްސްޕޯ 2026 / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
މޯލްޑިވްސް އެކްސްޕޯ 2026 / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ބޭންކް އޮފް މޯލްޑިވްސް އާއި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ގެ ޑިޖިޓަލް ޕޯޓަލްތައް މެދުވެރިކޮށް، ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މިހާތަނަށް 795 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ދިވެހި އުފެއްދުންތަކާއި އާޓްސް އެންޑް ކްރާފްޓްސް ކުރިއެރުވުމަށް ބާއްވާ "މޯލްޑިވްސް އެކްސްޕޯ 2026" (މައުރަޒު 2026) ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. "ކްރިއޭޓިވް މޯލްޑިވްސް" އަދި ދިވެހި އުފެއްދުންތެރިކަމަށް އިސްކަންދިނުމުގެ ސިޔާސަތުގެ ދަށުން ބޭއްވި މި އިވެންޓުގައި ރައީސް ވަނީ، އިގްތިސާދު ސިންދަފާތުކޮށް ކުދި ވިޔަފާރިތައް ބާރުވެރިކުރުވުމަކީ ސަރުކާރުގެ ބޮޑު އަމާޒެއްކަން ފާހަގަކުރައްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މައުލޫމާތު ދޭ ގޮތުގައި، ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ލޯނު ދޫކުރުމުގެ ނިޒާމު އަވަސް އަދި ފަސޭހަަކޮށްދިނުމަކީ ވިޔަފާރިތައް ފުޅާކުރުމަށް ލިބުނު ބޮޑު އެހީތެރިކަމެކެވެ. މީގެ ސަބަބުން އާންމު ފަރުދުންނާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް މާލީ އެހީތެރިކަން ހޯދުމުގައި ހުރި ހުރަސްތައް ނެތިގެންގޮސްފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
މި މައުރަޒަކީ ދިވެހިންގެ އަމިއްލަ އުފެއްދުންތެރިކަން ދައްކާލުމަށާއި، ދިވެހި މަސައްކަތްތެރިންނަށް މާކެޓް ހޯދައިދިނުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ ހަރަކާތެކެވެ.