ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އުފެއްދުންތެރިކަމުގެ މައުރަޒު: ސަރުކާރު ކުންފުނިތަކުގެ ދާއިރާއިން އެއްވަނަ އެޗްޑީސީއަށް!

އުފެއްދުންތެރިކަމުގެ މައުރަޒު / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
އުފެއްދުންތެރިކަމުގެ މައުރަޒު / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026 ގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ދާއިރާއިން އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދައި، އެއްވަނަ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން އިން ހާސިލުކޮށްފިއެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން އިން އިންތިޒާމުކޮށްގެން ބޭއްވި މި މައުރަޒުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ. މި ޖަލްސާގައި އެޗްޑީސީއަށް ލިބުނު އެއްވަނައިގެ އިނާމު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަސްޓްލޭޑީ ސާޖިދާ މުހައްމަދެވެ. އެޗްޑީސީގެ ފަރާތުން މި އިނާމާ ހަވާލުވެލެއްވީ އެ ކުންފުނީގެ ޑިރެކްޓަރ އޮފް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް، މަލްޝާ ޝަރީފެވެ.

މިރޭ ބޭއްވުނު ކުލަގަދަ ރަސްމިއްޔާތުގައި އެކި ގިންތިތަކުން ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދި ފަރާތްތަކަށް ޖުމްލަ 298 އެވޯޑެއް ވަނީ ބަހާފައެވެ. މީގެ ތެރޭގައި އެކި ދާއިރާތަކުން އެއްވަނައަށް ހޮވުނު 116 ފަރާތާއި، ދެވަނަ ހާސިލުކުރި 95 ފަރާތުގެ އިތުރުން ތިންވަނައަށް ހޮވުނު 82 ފަރާތެއް ހިމެނެއެވެ. އަދި މައުރަޒުގެ އެންމެ މަތީ ޝަރަފު ކަމަށްވާ "ރަން 5 ވަނަ" ވެސް މިރޭ ވަނީ އިއުލާނުކޮށްފައެވެ. މީގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީން 14 ބައިވެރިއަކަށް ޖުމްލަ 76 އެވޯޑު ދީފައިވާކަން ފާހަގަކޮށްލެވެއެވެ.

"ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު" ބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވަނީ ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު 19 މޭ 2024 ގައެވެ. މިއީ ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް، ވިޔަފާރިތައް ފުޅާކުރުމުގެ މަގްސަދުގައި ކުރިއަށްގެންދާ ހަރަކާތެކެވެ.
މި އަހަރުގެ މައުރަޒު ރަސްމީކޮށް ކުރިއަށްދާނީ މި ހިނގާ އޮކްޓޯބަރު މަހުގެ 25 އިން ފެށިގެން ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.