ޖީއެސްޓީ ރަޖިސްޓްރޭޝަން 1.5 މިލިއަނަށް: ކުދި ވިޔަފާރިތަކަށް ބޮޑު ލުޔެއް!
އަންނަ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ޖީއެސްޓީ އަށް ރަޖިސްޓްރީކުރަން ލާޒިމްކުރާ އަދަދު 1.5 މިލިޔަން ރުފިޔާއަށް މަތިކުރުމަށް ސަރުކާރުން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ "މޯލްޑިވްސް އެކްސްޕޯ 2026" (މައުރަޒު 26) ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ނިންމެވުމަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޓެކްސްގެ ނިޒާމުގެ ތެރެއިން ބޮޑެތި ލުއިތަކެއް ހޯދައިދިނުމަށް ސަރުކާރުން ފައްޓަވާފައިވާ މަސައްކަތްތަކުގެ ބައެކެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، ޖީއެސްޓީ ރަޖިސްޓްރޭޝަންގެ އިން 1.5 މިލިޔަން ރުފިޔާއަށް ބަދަލުކުރުމުން، އާމްދަނީ މަދުން ލިބޭ ކުދި ވިޔަފާރިތަކަށް ޓެކްސް އިދާރީ ގޮތުންނާއި މާލީ ގޮތުން އުފުލަންޖެހޭ ބުރަ ވަރަށް ބޮޑަށް ލުއިވެގެންދާނެ ކަމަށެވެ. އަދި މިއީ ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް، އީޖާދީ މަސައްކަތްތައް ކުރިއެރުވުމަށް ވިޔަފާރިތަކަށް ފަހި މާޙައުލެއް ޤާއިމުކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ބަދަލާއެކު، އަހަރެއްގެ މައްޗަށް ލިބޭ އާމްދަނީ 1.5 މިލިޔަން ރުފިޔާއަށް ވުރެ ދަށް ވިޔަފާރިތަކުން ޖީއެސްޓީއަށް ރަޖިސްޓްރީ ކުރާކަށް ނުޖެހޭނެއެވެ
Ads by MACL
