ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ގްރީން ޓެކްސް ސިސްޓަމާ ގުޅެން މީރާއިން އާ ސުންގަޑިތަކެއް ހަމަޖައްސައިފި

ގްރީން ޓެކްސް ސިސްޓަމާ ގުޅެން މީރާއިން އާ ސުންގަޑިތަކެއް ހަމަޖައްސައިފި

މޯލްޑިވްސް ގްރީން އިންފޮމޭޝަން ސިސްޓަމް (އެމްޖީއައިއެސް) އާ އެކު ގްރީން ޓެކްސް ނިޒާމު އިންޓަގްރޭޓް ކުރުމަށް ދީފައިވާ މުއްދަތުތަކަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އިސްލާޙު ގެނެސްފިއެވެ.

މި ނިޒާމަކީ ގްރީން ޓެކްސް ބެލެހެއްޓުމާއި ނެގުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި މިއަހަރުގެ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން އަމަލީގޮތުން ބޭނުންކުރަން ފަށައި، އަމިއްލައަށް އެދިގެން ގުޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ސިސްޓަމެކެވެ.

މީރާއިން އަލަށް އާންމުކުރި ތާވަލުގައިވާ ގޮތުން މި ނިޒާމު ތަންފީޒުކުރުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ބެޗަކަށް ބަހާލައިގެންނެވެ. ފުރަތަމަ ބެޗުގެ ތެރޭގައި ހިމެނެނީ ޓޫރިސްޓް ރިޒޯޓުތަކާއި، ހޮޓާތަކުގެ އިތުރުން 50 ކޮޓަރިއަށް ވުރެ ގިނަ ކޮޓަރި ހުރި ގެސްޓްހައުސްތަކެވެ. މި ފަރާތްތަކަށް ޓެކްސް ދައްކަންޖެހޭ މުއްދަތު 1 ނޮވެމްބަރު 2026 އިން ފެށިގެން ހިނގަން ފަށާއިރު، ޑޭޓާ އަޕްލޯޑް ކުރުމުގެ އެންމެ ފަހު ތާރީޚަކީ 15 ޑިސެމްބަރު 2026 އެވެ. އަދި މި ބެޗުގައި ހިމެނޭ ވިޔަފާރިތަކުން ސިސްޓަމް އިންޓަގްރޭޝަން ފުރިހަމަކުރުމުގެ އެންމެ ފަހު މުއްދަތަކީ 1 އޭޕްރީލް 2027 އެވެ.

ދެވަނަ ބެޗުގައި ހިމެނެނީ ގްރީން ޓެކްސްއަށް ރަޖިސްޓްރީވެފައިވާ އެހެނިހެން ހުރިހާ ފަރާތްތަކެވެ. މި ފަރާތްތަކަށް ޓެކްސް ނެގޭ މުއްދަތު 1 ޖަނަވަރީ 2027 އިން ފެށޭއިރު، މައުލޫމާތު އަޕްލޯޑް ކުރުމުގެ އެންމެ ފަހު ތާރީޚަކީ 15 ފެބްރުއަރީ 2027 އެވެ. އަދި ދެވަނަ ބެޗުގެ ފަރާތްތަކަށް ސިސްޓަމް އިންޓަގްރޭޓް ކުރުމަށް ދީފައިވާ އެންމެ ފަހު މުއްދަތަކީ 1 ޖުލައި 2027 އެވެ.

މީރާއިން މަޢުލޫމާތު ދޭ ގޮތުގައި، ސުންގަޑިތަކަށް މި ބަދަލުު ގެނައުމުގެ މައިގަނޑު ބޭނުމަކީ ވިޔަފާރިތަކަށް އެމްޖީއައިއެސް ނިޒާމާ ފަސޭހަކަމާއެކު ގުޅި، ޓެކްސް ދެއްކުމުގެ ކަންކަން އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށް އެކަށީގެންވާ ވަގުތު ފޯރުކޮށްދިނުމެވެ. އެހެންކަމުން ކޮންމެ ވިޔަފާރިއަކުންވެސް އެ ފަރާތަކާ ގުޅޭ ސުންގަޑިތަކަށް ސަމާލުވެ، ކަނޑައެޅިފައިވާ ތާރީޚުތަކަށް އަމަލުކުރުމަށް މީރާއިން ވަނީ އިލްތިމާސްކޮށްފައެވެ.