ށ. ފުނަދޫ ޕެޓްރޯލް ޝެޑުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކޮށްފި؛ ދުމުގެ އަސަރުކުރި 18 މީހަކަށް ފަރުވާ ދެނީ
. ފުނަދޫގައި މިއަދު ހެނދުނު 8:00 ހާއިރު ހިނގި ބޮޑު އަލިފާނުގެ ހާދިސާ، އެމްއެންޑީއެފް، އެ ރަށު އެއާޕޯޓުގެ ފަޔާ ލޮރީ އަދި އާންމު ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން މިހާރު ވަނީ ކޮންޓްރޯލް ކޮށްފައެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖުމެންޓް އޮތޯރިޓީ އިން ހާމަކުރި ގޮތުގައި، އެ ރަށު ބަނދަރު ސަރަހައްދުގައި އަމިއްލަ ފަރާތަކުން ހިންގާ ފަތްމިނި ޕެޓްރޯލް ޝެޑުގައި ރޯވި މި އަލިފާންގަނޑުގެ ސަބަބުން އެއް ގެ އެއްކޮށް އަނދައި، އިތުރު ތިން ގެއަކަށާއި ހަތަރު ވޯކްޝޮޕަކަށް އެކި ވަރުގެ ބޮޑެތި ގެއްލުންތައް ވެފައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ ގޮތުން ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ނަމަވެސް، ރަށުގެ ބޮޑު ބަޔަކަށް ފެތުރިގެންދިޔަ ބޯ ދުމުގެ އަސަރު ކޮށްގެން 18 ވަރަކަށް މީހުންނަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އަދި އަލިފާން ރޯވި ސަރަހައްދުން އެއްޗެހި ގޮވާ އަޑު އިވެމުންދާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކައިރި ގޭގޭގެ މީހުން ވަނީ ވަގުތީ ގޮތުން އެހެން ގެތަކަށް ބަދަލުކޮށްފައެވެ.
ގާތްގަނޑަކަށް 3،500 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ފުނަދޫގައި އޮޕަރޭޓްކުރާ ހަމައެކަނި ޕެޓްރޯލް ޝެޑް އަނދައި ހުލިވުމާ ގުޅިގެން، ރަށުގެ ގިނަ އަދަދެއްގެ އެއްގަމު އުޅަނދުތަކަށާއި ކަނޑު އުޅަނދުތަކަށް ޕެޓްރޯލް ލިބުމުގެ ދަތިކަން ވަނީ ކުރިމަތިވެފައެވެ.
ފުނަދޫ ކައުންސިލުން ބުނީ ޕެޓްރޯލް ލިބޭނެ އިތުރު ގޮތްތަކެއް ހަމަޖެއްސުމަށް ސަރުކާރާ މަޝްވަރާ ކުރަމުންދާ ކަމަށެވެ. އެންޑީއެމްއޭއިން ދަނީ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ.
Ads by MACL
