ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރަސްމާލެ މަޝްރޫއާއެކު އިގުތިސާދަށް 30 ބިލިއަން ޑޮލަރުގެ ކުރިއެރުމެއް ލިބޭނެކަމަށް ދިރާސާއަކުން ދައްކައިފި

ރަސްމާލެ މަޝްރޫއާއެކު އިގުތިސާދަށް 30 ބިލިއަން ޑޮލަރުގެ ކުރިއެރުމެއް ލިބޭނެކަމަށް ދިރާސާއަކުން ދައްކައިފި

ރަސްމާލެ ތަރައްގީކުރުމުގެ ބިޔަ މަޝްރޫއުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ބޮޑު "އިކޮނޮމިކް މަލްޓިޕްލަޔަރ އިފެކްޓް" އެއް އަންނާނެ ކަމަށާއި، އޭގެ ނަތީޖާއެއްގެ ގޮތުން ގައުމީ އުފެއްދުންތެރިކަމަށް 30 އާއި 35 ބިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް އިތުރުވެގެންދާނެ ކަމަށް އިގުތިސާދީ ދިރާސާތަކުން ދައްކައިފިއެވެ.

ބައިނަލްއަގުވާމީ ރިސާޗް އަދި އެނަލިޓިކްސް ފާމެއް ކަމަށްވާ "އީވެލިއުސާވް" އިން ހެދި ދިރާސާއަކާ ހަވާލާދީ މޯލްޑިވްސް އެކައުންޓިން ފޯރަމްގައި ހުށަހެޅި ޕްރެޒެންޓޭޝަނުގައިވާ ގޮތުން، މި މަޝްރޫއަށް އިންވެސްޓްކުރާ ކޮންމެ 1 ޑޮލަރަކަށް ރާއްޖޭގެ އުފެއްދުންތެރިކަމަށް 1.6 ޑޮލަރު އިތުރުވާނެއެވެ. އަދި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް (އެފްޑީއައި) ގެ ގޮތުގައި ގާތްގަނޑަކަށް 22 ބިލިއަން ޑޮލަރު ރާއްޖެއަށް ވަންނާނެ ކަމަށް ވެސް އެ ކުންފުނިން އަންދާޒާކުރެއެވެ.

އީގަލް ހިލްސް ކުންފުނިން ރަސްމާލޭގެ 500 ހެކްޓަރުގެ ބިމުގައި ތަރައްގީކުރާ "މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ" މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ކުދި އަދި މެދުފަންތީގެ 300 އަށް ވުރެ ގިނަ ވިޔަފާރިއަށް އާމްދަނީ އިތުރުކޮށް ފުޅާކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މީގެއިތުރުން، އެ ސަރަހައްދުގައި ގާއިމުކުރެވޭ ފަތުރުވެރިކަމުގެ ހިދުމަތްތަކާއެކު އަހަރަކު 900،000 އެއްހާ ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވެއެވެ.

މި މަޝްރޫއުގެ ތެރެއިން ޖުމްލަ 60،000 ވަޒީފާގެ ފުރުސަތު އުފެދިގެންދާއިރު، އޭގެ ތެރޭގައި އިމާރާތްކުރުމުގެ މަރުހަލާގައި އުފެދޭ 45،000 ވަޒީފާއާއި، އޮޕަރޭޝަން ފެށުމުން އުފެދޭނެ 15،000 އަށް ވުރެ ގިނަ ވަޒީފާ ހިމެނެއެވެ. މި ވަޒީފާތަކާއި ވިޔަފާރީގެ ފުރުސަތުތައް ދިވެހި ރައްޔިތުންނަށް އެންމެ ފަހިވާނެ ގޮތަށް ކަންކަން ރޭވުމަށް ދިރާސާގައި ބާރުއަޅާފައިވެއެވެ.

ތިމާވެށީގެ ރައްކާތެރިކަމަށް ބަލާއިރު، ރަސްމާލޭގެ ބިމުގެ 22 އިންސައްތަ ފެހި ސަރަހައްދުތަކާއި ހުސް ޖާގަތަކަށް ހާއްސަކުރުމަށް ވަނީ ނިންމާފައެވެ. އަދި ކަނޑުގެ ދިރުންތަކާއި ސަގާފީ ތަރިކަ ރައްކާތެރިކުރުމުގެ އިތުރުން، އިއާދަކުރަނިވި ހަކަތަ ބޭނުންކުރުމަށް ޕްލޭނިން މަރުހަލާގައި ހާއްސަ އިސްކަމެއް ދީފައިވެއެވެ. 20 ބިލިއަން ޑޮލަރުގެ ސީދާ އިންވެސްޓްމަންޓާއެކު ފެށޭ މި މަޝްރޫއަކީ ރާއްޖޭގެ ތާރީހުގައި ވެސް ހިންގޭ އެންމެ ބިޔަ އެއް ތަރައްގީގެ މަޝްރޫއެވެ.