އަނެއްކާވެސް ޖިންސީ ގޯނާގެ ބޮޑު މައްސަލައެއް، މިފަހަރު ސްކޫލު ތެރެއިން ޓީޗަރުންތަކެއް!
ސައުތު ސެންޓްރަލް ޕޮލިސް ރީޖަން (މީމު، ފާފު، ދާލު، ތާާ އަދި ލާމު އަތޮޅު) ގައި ހިމެނޭ ރަށެއްގެ ސްކޫލެއްގައި ކިޔަވަމުންދާ ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ސީރިއަސް ތުހުމަތުތަކެއްގައި އެ ރަށުގައި މަސައްކަތްކުރާ ބިދޭސީ ދެ ޓީޗަރަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި މައްސަލައާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސާވިސްގެ މީޑިއާ އޮފިޝަލް މިއަދު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ވަކި ދެ މައްސަލައެއް މި ހިނގާ އޮކްޓޫބަރު މަހުގެ ތެރޭގައި ފުލުހުންނަށް ހުށަހެޅި، ތަހުގީގު ފަށާފައިވާ ކަމަށެވެ.
ފުރަތަމަ މައްސަލަ: 16 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރުން
Ads by BMLފުލުހުން ހާމަކުރި ގޮތުގައި، 16 އަހަރުގެ އަންހެން ދަރިވަރަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މި މަހުގެ 11 ވަނަ ދުވަހުއެވެ. މި މައްސަލައިގެ ތަހުގީގަށް، ކޯޓު އަމުރެއްގެ ދަށުން މި މަހުގެ 14 ވަނަ ދުވަހު ވަނީ 52 އަހަރުގެ ބިދޭސީ ފިރިހެނަކު ހައްޔަރުކޮށްފައެވެ.
އެނގިފައިވާ ގޮތުގައި ހައްޔަރުކުރި މީހާއަކީ އެ ރަށު ސްކޫލުގައި ގްރޭޑް 10 ގެ ދަރިވަރުންނަށް ހިސާބު (މެތަމެޓިކްސް) ކިޔަވައިދެމުންދިޔަ ޓީޗަރެކެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ބަންދަށް ވަނީ 15 ދުވަހުގެ މުއްދަތެއް އިތުރުކޮށްދީފައެވެ.
ދެވަނަ މައްސަލަ: 12-13 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރުން
މި ސިލްސިލާގެ ދެވަނަ މައްސަލަ ފުލުހުންނަށް ހުށަހެޅިފައިވަނީ މި މަހުގެ 17 ވަނަ ދުވަހުއެވެ. އެއީ 12 އަހަރާއި 13 އަހަރާ ދެމެދުގެ އަންހެން ދަރިވަރަކަށް ޖިންސީ ގޯނާކުރި ކަމުގެ މައްސަލައެކެވެ. މި މައްސަލައާ ގުޅިގެން މިދިޔަ ހުކުރު ދުވަހު ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ 52 އަހަރުގެ އިތުރު ބިދޭސީ ފިރިހެން ޓީޗަރަކު ހައްޔަރުކޮށްފައެވެ.
އޭނާއަކީ ދަށް ގްރޭޑްތަކަށް އިނގިރޭސި މާއްދާ ކިޔަވައިދޭ ޓީޗަރެކެވެ. އޭނާގެ ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރުކުރުމުން، މައްސަލަ ތަހުގީގުކުރުމަށްޓަކައި ބަންދުގައި ބަހައްޓަން 30 ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ދީފައެވެ.
މި ހާދިސާ ހިނގި ރަށުން މައުލޫމާތު ދިން ބައެއް ފަރާތްތަކުން ބުނި ގޮތުގައި، ހައްޔަރުކުރި ދެ ޓީޗަރުންނަކީ ވެސް އެ ރަށު ސްކޫލުގައި ވަޒީފާ އަދާކުރާތާ ގިނަ އަހަރުތަކެއް ވެފައިވާ ދެ މީހުންނެވެ. އަދި އެ މީހުން ދަރިވަރުންނަށް ޖިންސީ ގޯނާކުރަމުންދާތާ އެތައް އަހަރެއް ވެދާނެ ކަމަށް ރަށުތެރޭގައި ތުހުމަތު ކުރެވެމުންދާ ކަމަށާއި، މިފަހަރު އެ މީހުން ހައްޔަރުކުރީ ފަޅާއެރި ބޮޑު މައްސަލައަކާ ގުޅިގެން ކަމަށް ވެސް ރަށުން ވާހަކަދެއްކި މީހަކު މަޢުލޫމާތު ދީފައިވެއެވެ
ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކަކީ މުޅި މުޖުތަމައުގެ ރައްކާތެރިކަމާ ގުޅިފައިވާ ސީރިއަސް ޖިނާއީ ކުށްތަކަކަށް ވުމުން، ދިވެހިރާއްޖޭގެ ގާނޫނީ ނިޒާމުގެ ތެރެއިން މިފަދަ މައްސަލަތަކަށް ދެނީ ޒީރޯ-ޓޮލަރެންސް ނުވަތަ އެއްވެސް ދޫދިނުމެއް ނެތް ސިޔާސަތެކެވެ. ފުލުހުންނާއި، ޖެންޑާ މިނިސްޓްރީ އަދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީސް ގުޅިގެން ހިންގާ ޚާއްސަ އިޖުރާއަތްތަކުގެ މައިގަނޑު އަމާޒަކީ އަނިޔާ ލިބޭ ކުއްޖާއަށް އިތުރު ނަފްސާނީ އަނިޔާއެއް ނުލިބޭނެހެން ރައްކާތެރިކަން ކަށަވަރުކުރުމާއެކު، ސައިންޓިފިކް އަދި ފޮރެންސިކް ހެކީގެ މައްޗަށް ބިނާކޮށް ކުށްވެރިންނަށް ގާނޫނުގެ އެންމެ ހަރުކަށި އަދަބު ލަސްނުކޮށް ހޯދައިދިނުމެވެ.
Ads by MACL
