ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ދެކުނުގެ ރަށެއްގައި އަންހެނަކާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ތުހުމަތުގައި ހައްޔަރުކުރި 9 މީހުންގެ ވަނަވަރު ފުލުހުން އާންމުކޮށްފި

ދެކުނުގެ ރަށެއްގައި އަންހެނަކާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ތުހުމަތުގައި ހައްޔަރުކުރި 9 މީހުންގެ ވަނަވަރު ފުލުހުން އާންމުކޮށްފި

ދެކުނުގެ ރަށެއްގައި 22 އަހަރުގެ އަންހެނަކާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ނުވަ ދިވެހިންގެ ވަނަވަރު ފުލުހުންގެ އިދާރާއިން މިއަދު އާންމުކޮށްފިއެވެ.

އަޕާ ސައުތު ޕޮލިސް ރީޖަންގައި ހިމެނޭ ރަށެއްގައި ޒުވާން އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. އެ މައްސަލައިގެ ތަހުގީގު ފެށުމާއެކު، އެ ރަށުގައި ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް، އެ ކުދިން އެކްސްޕްލޮއިޓްކޮށްފައިވާ ކަމުގެ ސީރިއަސް ތުހުމަތުތަކެއް ވަނީ ފާހަގަކުރެވިފައެވެ.

މި މައްސަލައާ ގުޅިގެން މާލެއިން ޚާއްސަ ތަހުގީގު ޓީމެއް އެ ރަށަށް ފޮނުވައިގެން ހިންގި އޮޕަރޭޝަންގައި، ތުހުމަތުކުރެވޭ ނުވަ މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ފުލުހުން އާންމުކުރި މައުލޫމާތުގައިވާ ގޮތުން މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މުހައްމަދު މައިސަން ޝިޔާޒު (21އ) އާއި، އަހުމަދު އިފްތިޝާމް ޒަރީރު (24އ) އާއި، ނަޖުމުﷲ ހަސަން (35އ) އާއި، އާޒިމް މުފީދު (24އ) އާއި، އަލީ ހުޒާމް ސައީދު (31އ) އާއި، މުހައްމަދު ސޯލިހު އަހުމަދު (26އ) އާއި، އަހުމަދު ނޫހު ނިޔާޒު (20އ) އާއި، މުހައްމަދު މިޝަލް އަހުމަދު ޒުހައިރު (20އ) އަދި އަހުމަދު ސާނިޖު ސޯދިގު (32އ) އެވެ.

މި މައްސަލައަކީ ނުހަނު ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ މައްސަލައެއް ކަމަށް ފުލުހުން ބުނެފައިވާއިރު، ރާއްޖޭގައި ޖިންސީ ގޯނާގެ މައްސަލަތައް ރިޕޯޓުކުރާ މިންވަރު އަންނަނީ އިތުރުވަމުންނެވެ. އެގޮތުން ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު ޖިންސީ ކުށުގެ 272 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު، މި އަހަރުގެ މިހާތަނަށް އެފަދަ 221 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ.