ދުނިޔޭގެ ފުރަތަމަ ރަން މަގު މިއަހަރު ދުބާއީގައި ހުޅުވަނީ: 24 ކެރެޓްގެ ރަނުން ހަދާ އާދަޔާ ހިލާފު މަޝްރޫއެއް!
ޔޫއޭއީގެ ދުބާއީގައި 24 ކެރެޓްގެ ރަނުން ހަދާފައިވާ ދުނިޔޭގެ ފުރަތަމަ އަދި އެންމެ ދިގު ހިނގާ މަގު މިއަހަރު ނިމުމުގެ ކުރިން ހުޅުވުމަށް ތައްޔާރުވެއްޖެއެވެ.
ދުބާއީ ގޯލްޑް ޑިސްޓްރިކްޓްގައި ތަރައްގީކުރާ މި މަގު ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި ހުޅުވުމަށް ދަނީ ރާވަމުންނެވެ.
ދުބާއީ ގޯލްޑް ޑިސްޓްރިކްޓްގެ ސީނިއާ ޑިރެކްޓަރު އޮފް ކޮމާޝަލް ރަޝީދު އަލް ހަރްމޫދީ ވިދާޅުވި ގޮތުގައި، މި މަޝްރޫއަކީ ދުނިޔޭގައި ވެސް މި ބާވަތުގެ ފުރަތަމަ މަޝްރޫއެވެ. މި މަގު ހުޅުވުމާއެކު އާންމު ރައްޔިތުންނަށާއި ދުބާއީއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ރަން މަގުގައި ހިނގާލުމުގެ ތަފްސީލީ ތަޖުރިބާ ލިބިގެންދާނެއެވެ.
Ads by BMLމި އާދަޔާ ހިލާފު މަޝްރޫއުގެ ސަބަބުން ރަނާއި ޖަވާހިރުގެ ބައިނަލްއަގުވާމީ މަރުކަޒެއްގެ ގޮތުގައި ދުބާއީއަށް ލިބިފައިވާ މަގާމު އިތުރަށް ވަރުގަދަވެގެންދާނެއެވެ.
މި މަޝްރޫއާ ދިމާކޮށް، ދުބާއީގައި ވަނީ 16.514 ކިލޯގްރާމް ބަރުދަން ހުރި ރަން ބާލީސް ޖޯޑެއް ވެސް ދައްކާލާފައެވެ. ޖޯއި އަލުއްކާސް ޖެވެލަރީން 22 ކެރެޓްގެ ރަނުން ސަގާފީ ޑިޒައިނަށް އުފެއްދި މި ބާލީސް ޖޯޑަށް ވަނީ ދުނިޔޭގެ އެންމެ ބަރު އަދި އެންމެ ބޮޑު ރަން ބާލީސް ޖޯޑުގެ ގޮތުގައި ގިނީސް ވޯލްޑް ރެކޯޑުން ދެ މަގާމެއް ލިބިފައެވެ.
ޔޫއޭއީގެ މިނިސްޓަރު އޮފް އިކޮނޮމީ އެންޑް ޓޫރިޒަމް އަބްދުﷲ ބިން ތޫޤް އަލް މައްރީ އިއްޔެ އިއުލާންކުރެއްވި މި ބާލީސް ޖޯޑަކީ ވިއްކަން ހަދާފައިވާ އެއްޗެއް ނޫން ކަމަށާއި، މިއީ ދާއިމީގޮތުން ދުބާއީގައި ބަހައްޓާފައި ހުންނާނެ އާޓް ވޯކެއް ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
Ads by MACL
