ފުނަދޫ ޕެޓްރޯލް ޝެޑްގެ އަލިފާންގަނޑު ކޮންޓްރޯލްކޮށް އެއްކޮށް ނިއްވާލައިފި
ށ. ފުނަދޫ "ފަތްމިނި" ޕެޓްރޯލް ޝެޑްގައި މިއަދު ހެނދުނު ހިނގި އަލިފާނުގެ ބޮޑު ހާދިސާއާ ގުޅިގެން ކުރި މަސައްކަތުން، ރޯވި އަލިފާންގަނޑު އެއްކޮށް ނިއްވާލައިފިއެވެ.
އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކުޅުދުއްފުށި ފަޔަރ ސްޓޭޝަނަށް މިއަދު ހެނދުނު 08:00 ހާއިރު މި ހާދިސާގެ ރިޕޯޓް ލިބުމާއެކު ފަޔަރފައިޓަރުން ވަނީ ފުނަދުއަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތުގައި ހަރަކާތްތެރިވާން ފަށާފައެވެ. ނަމަވެސް، ހާދިސާ ހިނގި ވަގުތު އެންމެ ފުރަތަމަ ނިއްވުމުގެ މަސައްކަތް ކުރީ ފުނަދޫ އެއަރޕޯޓުގެ ފަޔަރފައިޓަރުންނެވެ.
މި ހާދިސާގައި ރޯވި އަލިފާންގަނޑުގެ %90 މިއަދު ހެނދުނު 10:57 ހާއިރު ކޮންޓްރޯލް ކުރެވުނުއިރު، އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައިވަނީ މެންދުރު 11:58 ހާއިރު ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.
Ads by BMLއަލިފާން ނިއްވުމުގެ މަސައްކަތުގައި ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނާއި ފުނަދޫ އެއަރޕޯޓުގެ ފަޔަރފައިޓަރުންގެ އިތުރުން ޖޭޑަބްލިޔު މެރިއޮޓް މޯލްޑިވްސް ރިސޯޓުގެ އިންޑަސްޓްރިއަލް ފަޔަރ ބްރިގޭޑް ޓީމާއި، ފުލުހުންނާއި، ށ. ފުނަދޫ ސްކޫލް ކެޑޭޓުންގެ އިތުރުން އެ ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ.
މި ހާދިސާއާ ގުޅިގެން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނި ގޮތުގައި، އަލިފާނުގެ ސަބަބުން އެއް ގެ އަނދައި ވަރަށް ބޮޑަށް ގެއްލުންވެފައިވާއިރު، ކައިރީގައި ހުރި އިތުރު ތިން ގެއަކަށްވެސް އެކިވަރުގެ ގެއްލުންތައް ލިބިފައިވެއެވެ.
މީގެއިތުރުން، ދުމުގެ އަސަރު ވަރަށް ބޮޑަށް ކުރުމުގެ ސަބަބުން ބައެއް ފަރާތްތަކަށް ފުނަދޫ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު، ހާލަތު މޮނީޓަރކޮށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ފަރާތްތައް ދެނެގަތުމުގެ މަސައްކަތް ކައުންސިލާއި އެންޑީއެމްއޭއިން ދަނީ ކުރަމުންނެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
Ads by MACL
