މަސްވެރިކަމާއި ދަނޑުވެރިކަމުން މަތީ ތައުލީމު ހާސިލުކުރަން ސްކޮލާޝިޕްތަކެއް ހުޅުވާލައިފި
މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ގައުމަށް ބޭނުންވާ ފަންނީ ތަޖުރިބާކާރުން ބިނާކުރުމުގެ މަގުސަދުގައި، ބޭރުގެ ގައުމުތަކުން ބެޗެލާސް އަދި މާސްޓާސް ޑިގްރީއަށް ކިޔެވުމުގެ ގިނަ ފުރުސަތުތަކެއް ފިޝަރީޒް މިނިސްޓްރީން މިއަދު އާންމުކޮށްފިއެވެ.
މި ފުރުސަތުތަކަކީ ދިވެހި ސަރުކާރާއި ވޯލްޑް ބޭންކް ގުޅިގެން ކުރިއަށްގެންދާ "ޓްރާންސްފޯމިން ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް" ޕްރޮޖެކްޓުގެ ދަށުން ހުޅުވާލެވުނު ސްކޮލާޝިޕްތަކެކެވެ. މިއީ އޭޝިއާ ސަރަހައްދުގެ ގައުމުތަކާއި، ސައުތު ވެސްޓް އިންޑިއަން އޯޝަން ފިޝަރީޒް ކޮމިޝަންގެ މެންބަރު ގައުމުތަކުގެ އިތުރުން އޯއީސީޑީ ގައުމުތަކުން މަތީ ތައުލީމު ހާސިލުކުރުމަށް ދެވޭ ފުރުސަތުތަކެކެވެ.
މަސްވެރިކަމުގެ ދާއިރާއިން މާސްޓާސް ޑިގްރީއަށް ފިޝަރީޒް މެނޭޖްމަންޓް އަދި މެރިޓައިމް އެފެއާޒްއިން ދެ ޖާގަ ކަނޑައަޅާފައިވާއިރު، އެކުއާކަލްޗާ، ފިޝަރީޒް ސައިންސް، މެރިން ސައިންސް، މެރިން ރިސާޗް އަދި މެރިކަލްޗާ ދާއިރާއިން ބެޗެލާސް ޑިގްރީއަށް ތިން ޖާގަ ވަނީ ހުޅުވާލާފައެވެ.
Ads by BMLއޭގެ އިތުރުން މެރިން ރިސާޗް އަދި މެރިކަލްޗާ ދާއިރާއިން ސަސްޓެއިނަބަލް އެކުއާކަލްޗާ، އެކުއާކަލްޗާ ނިއުޓްރީޝަން، އެކުއާކަލްޗާ އިންޖިނިއަރިން، އަދި އެކުއަޓިކް ހެލްތު ނުވަތަ ޕެތޮލޮޖީއިން މާސްޓާސްއަށް ތިން ޖާގަ ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރިމޯޓް ސެންސިން، ޖީއައިއެސް ނުވަތަ އޯޝަނޯގްރަފީއަށް ހާއްސަ މެރިން ސައިންސްގެ ދާއިރާއިން ބެޗެލާސް ޑިގްރީއަށް އެއް ޖާގަ ދިނުމަށް ވަނީ ނިންމާފައެވެ.
ދަނޑުވެރިކަމުގެ ދާއިރާއަށް ބަލާއިރު، ޕްލާންޓް ޕްރޮޓެކްޝަން، އެންޓޮމޮލޮޖީ، އަދި ޕްލާންޓް ޕެތޮލޮޖީއިން މާސްޓާސް ޑިގްރީއަށް އެއް ޖާގަ ހުޅުވާލާފައިވާއިރު، އެގްރިކަލްޗާ (ބޮޓަނީ އެންޑް އެންޓޮމޮލޮޖީ)، އެގްރިކަލްޗަރަލް ސައިންސް އަދި ހޯޓިކަލްޗަރަލް ސައިންސްގެ ދާއިރާއިން ބެޗެލާސް ޑިގްރީއަށް ތިން ޖާގަ ވަނީ ހަމަޖައްސާފައެވެ.
މި ސްކޮލާޝިޕްތައް ލިބޭ ފަރާތްތަކުގެ ކޯސް ފީ، އަހަރީ ބުކް އެލަވަންސް، އެސްޓަބްލިޝްމަންޓް އަދި ޑިޕާޗާ އެލަވަންސްގެ އިތުރުން ކޮންމެ މަހަކު ދެވޭ ސްޓައިޕެންޑް ސަރުކާރުން ހަމަޖައްސައިދޭނެއެވެ.
މި ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 15 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް ހުޅުވާލެވިފައިވާއިރު، އެޕްލިކޭޝަން ފޯމާއި ބޭނުންވާ ލިޔެކިޔުންތައް ހުށަހަޅަންޖެހެނީ މިނިސްޓްރީގެ ޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޓަށް ނުވަތަ އެ ޔުނިޓުގެ އީމެއިލް އެޑްރެހަށެވެ.
Ads by MACL
