ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މަޖިލިސް މެންބަރުންގެ ސިއްހީ އިންޝުއަރެންސް ކަނޑާލަން ހުށަހެޅި ޕެޓިޝަން މާލިއްޔަތު ކޮމިޓީއަށް

މަޖިލިސްގެ ޕެޓިޝަން ކޮމިޓީ ި--- ފޮޓޯ: މަޖިލިސް
މަޖިލިސްގެ ޕެޓިޝަން ކޮމިޓީ ި--- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެ ބޭފުޅުންގެ އާއިލާތަކަށް ދައުލަތުގެ ބަޖެޓުން ދެމުން އަންނަ ޚާއްސަ ހެލްތު އިންޝުއަރެންސް އިނާޔަތް ހުއްޓާލުމަށް އެދި ހުށަހެޅި އީ-ޕެޓިޝަނާ މެދު ގޮތެއް ނިންމުމުގެ ކުރިން މާލިއްޔަތު ކޮމިޓީގެ މަޝްވަރާ ހޯދުމަށް ޕެޓިޝަން ކޮމިޓީން ވަނީ ނިންމާފައެވެ.

މި މައްސަލަ މާލިއްޔަތު ކޮމިޓީއަށް ފޮނުވުމަށް ޕެޓިޝަން ކޮމިޓީގެ ބައްދަލުވުމުގައި ހުށަހެޅުއްވީ މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ޝަމީޒެވެ. މިއީ މަޖިލީހުގެ ތަޅުމުގައި ދެ ގަޑިއިރަށް ވުރެ ގިނައިރު ވަންދެން ބަހުސްކުރި މައްސަލައަކަށްވާއިރު، މި ހުށަހެޅުމަށް އުނގޫފާރު ދާއިރާގެ މެންބަރު އިބްރާހީމް ޝިފާޒް ތާއީދުކުރެއްވުމުން ކޮމިޓީގެ އިއްތިފާގުން ވަނީ ފާސްވެފައެވެ.

މި ޕެޓިޝަނަކީ ރައްޔިތުންގެ މަޖިލީހަށް މިހާތަނަށް ހުށަހެޅި އީ-ޕެޓިޝަންތަކުގެ ތެރެއިން ދެވަނައަށް އެންމެ ގިނަ ސޮއި ލިބުނު މުހިންމު ހުށަހެޅުމެވެ. ޖުމްލަ 7,225 ރައްޔިތުން ސޮއިކޮށްފައިވާ މި ޕެޓިޝަންގައި އެދިފައިވަނީ، އާންމު ރައްޔިތުންނަށް ނުލިބޭ ފަދަ ޚާއްސަ އިމްތިޔާޒުތަކެއް ސިޔާސީ ފަރާތްތަކަށް ދިނުމުގެ ބަދަލުގައި، އެންމެންނަށް ވެސް ހަމަހަމަކަމާ އެކު ދައުލަތުގެ ގައުމީ ސިއްހީ އިންޝުއަރެންސްގެ ޚިދުމަތް ފޯރުކޮށްދިނުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނު މިހާރު އޮންނަ ގޮތުން، ހިނގަމުންދާ ދައުރުގެ މެންބަރުންގެ އިތުރުން ކުރީގެ މެންބަރުންނާއި، އެ ބޭފުޅުންގެ އަނބިމީހާ ނުވަތަ ފިރިމީހާ އަދި 18 އަހަރު ނުފުރޭ ދަރިންނަށް މުޅި އުމުރަށް މި އިނާޔަތް ލިބިދެއެވެ. އަދި މެލޭޝިއާ، ތައިލެންޑް އަދި ސިންގަޕޫރު ފަދަ ގައުމުތަކުގެ އަގުބޮޑު ހޮސްޕިޓަލްތަކުން ފަރުވާ ހޯދުމުގެ ފުރުސަތު ވެސް މެންބަރުންނަށް ފަހިވެފައި އޮވެއެވެ.

ޕެޓިޝަން ހުށަހެޅި ފަރާތްތަކުން ގޮވާލާފައިވަނީ، ރައްޔިތުންގެ ޓެކްސް ފައިސާއިން ކުރާ މިފަދަ ބޮޑެތި ޚަރަދުތައް ހުއްޓުވައި، ގާނޫނަށް އަންނަންޖެހޭ އިސްލާހުތައް އަވަހަށް ގެނެސްގެން މެންބަރުންނަކީ ވެސް އާންމު ރައްޔިތުންނެކޭ އެއްފަދައިން އާންމު ސްކީމުގެ ދަށުން ޚިދުމަތް ހޯދާ ބަޔަކަށް ހެދުމަށެވެ.