ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އަޑުގަދަވުމުގެ ސަބަބުން ތުއްތު ކުއްޖަކު ސިއްސައިގެން ގޮސް މަރުވި މައްސަލައެއްގެ ތަހުގީގު ފަށައިފި

އިންޑިއާގެ ބައެއް ސަރަހައްދުތަކުގައި ބާއްވާ ދީނީ ހަރަކާތްތަކުގެ ތެރެއިން ބޮޑެތި ޑީޖޭ ސިސްޓަމްތައް ބޭނުންކޮށްގެން މަގުމަތީގައި ބާރަށް ލަވަޖަހަނީ: ފޮޓޯ: / ރޮއިޓާސް
އިންޑިއާގެ ބައެއް ސަރަހައްދުތަކުގައި ބާއްވާ ދީނީ ހަރަކާތްތަކުގެ ތެރެއިން ބޮޑެތި ޑީޖޭ ސިސްޓަމްތައް ބޭނުންކޮށްގެން މަގުމަތީގައި ބާރަށް ލަވަޖަހަނީ: ފޮޓޯ: / ރޮއިޓާސް

އިންޑިއާގެ އުއްތަރްޕްރަދޭޝްގެ ސިދާތްނަގަރުގައި ކުރިއަށް ގެންދިޔަ ހިންދޫ ދީނީ އަޅުކަމެއްގެ ތެރޭގައި ލަވަޖެހި އަޑު ގަދަވުމުގެ ސަބަބުން، މުސްލިމް އާއިލާއަކަށް ނިސްބަތްވާ ތުއްތު ކުއްޖަކު ސިއްސައިގެން ގޮސް ލިބުނު ޝޮކެއްގައި މަރުވި ކަމަށް ބުނާ މައްސަލައެއް އެ ގައުމުގެ ފުލުހުން ބަލަން ފަށައިފިއެވެ.

މި ހާދިސާއާ ގުޅިގެން މަރުވި ކުއްޖާގެ ބައްޕަ، ޖާވީދު މަނިހާރު ފުލުހުންނަށް ހުށަހަޅި ޝަކުވާގައި ބުނެފައިވަނީ، ހިންދޫންގެ ދީނީ އީދެއް ކަމަށްވާ "ދުރުގާ ޕޫޖާ" ފާހަގަކުރުމަށް މަގުމަތީގައި ބޮޑެތި ޑީޖޭ ސިސްޓަމްތައް ބޭނުންކޮށްގެން އާދަޔާ ހިލާފަށް ބާރަށް ލަވަޖަހާފައިވާ ކަމަށެވެ. އަދި އެ އަޑުގެ ގަދަކަމުން ގޭގެ ފުރާޅުން ބައެއް ވެއްޓި، މުޅި ގެޔަށް ލޮޅުން އެރި ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި، ކުއްޖާ މަރުވުމާ މި ބާރު އަޑާ ހުރި ސީދާ ގުޅުން ދެނެގަނެވޭނީ ކުއްޖާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދައި، ފޮރެންސިކް ރިޕޯޓް ލިބުމުންނެވެ. މީގެ އިތުރުން، މި ހާދިސާ ހިނގުމުގެ ކުރިން ވެސް އެ ކުއްޖާ ބަލިވެ އުޅުނު ކަމުގެ ރިޕޯޓުތައް ލިބިފައިވާތީ، ފުލުހުން ދަނީ މި މަރުގެ މައްސަލަ ހުރިހާ ގޮތަކުން ތަހުގީގު ކުރަމުންނެވެ.