ތަޢުލީމީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ޕާކިސްތާނުގެ ފުންނާބުއުސް 5 ޔުނިވަރސިޓީއަކާއެކު އެމްއެންޔޫއިން ސޮއިކޮށްފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން ބައިނަލްއަޤްވާމީ ފެންވަރުގައި ތަޢުލީމާއި ދިރާސީ ދާއިރާ ފުޅާކުރުމަށްޓަކައި ޕާކިސްތާނުގެ މަޝްހޫރު ފަސް ޔުނިވަރސިޓީއަކާއެކު ޚާއްޞަ ފަހުމުނާމާތަކެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ކުރިއަށްދިޔައީ ޕާކިސްތާނުގެ އިސްލާމްއާބާދުގައި އެ ޤައުމުގެ ހަޔަރ އެޑިއުކޭޝަން ކޮމިޝަން (އެޗްއީސީ) އިން އިންތިޒާމުކޮށްގެން ބޭއްވި ޚާއްޞަ ހަފްލާއެއްގައެވެ.
މި އިލްމީ އިއްތިހާދުގެ ދަށުން އެމްއެންޔޫއާއެކު ސޮއިކުރި މުއައްސަސާތަކުގެ ތެރޭގައި ނެޝަނަލް ޔުނިވަރސިޓީ އޮފް ސައިންސަސް އެންޑް ޓެކްނޮލޮޖީ (ނަސްޓް)، ޕީއެމްއޭއެސް-އެރިޑް އެގްރިކަލްޗަރ ޔުނިވަރސިޓީ ރާވަލްޕިންޑީ، ޔުނިވަރސިޓީ އޮފް ވާހް، ގަވަރމަންޓް ކޮލެޖް ޔުނިވަރސިޓީ ލާހޯރު، އަދި ފައުންޑޭޝަން ޔުނިވަރސިޓީ އިސްލާމްއާބާދު ހިމެނެއެވެ. މި ހަފްލާގައި ޕާކިސްތާނުގެ އެކި ޔުނިވަރސިޓީތަކުގެ ވައިސް ޗާންސެލަރުންނާއި އިސް މަންދޫބުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
Ads by BMLރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒް އާދަމް ވަނީ، ދެ ޤައުމުގެ ތަޢުލީމީ އިސްވެރިން އެއްތަނަކުން ބައްދަލުވުމުގެ ފުރުޞަތު ފަހިކޮށްދެއްވި ކަމަށްޓަކައި އެޗްއީސީގެ ޗެއަރމަން ޕްރޮފެސަރ ޑރ. ނިޔާޒް އަޙްމަދު އަޚްތަރަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މިފަދަ ބައިނަލްއަޤްވާމީ ބައިވެރިވުމެއްގައި އެމްއެންޔޫއަށް ފުރުޞަތު ލިބިގެންދިއުމަކީ އެ ޔުނިވަރސިޓީއަށް ލިބުނު ވަރަށް ބޮޑު ޝަރަފެއްގެ ގޮތުގައި އެކަމަނާ ފާހަގަކުރެއްވިއެވެ.
މި ފަހުމުނާމާތަކުގެ މައިގަނޑު އަމާޒަކީ ދެފަރާތް ގުޅިގެން ސައިންސާއި އެކި ދާއިރާތަކުން ދިރާސާތައް ކުރުމާއި، ޕޯސްޓްގްރެޖުއޭޓް ފެންވަރުގެ ތަޢުލީމީ ފުރުޞަތުތައް އިތުރުކުރުމުގެ އިތުރުން މުވައްޒަފުންނާއި ދަރިވަރުން ބަދަލުކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމެވެ.
މީގެއިތުރުން، އެކާޑެމިކް ޤާބިލުކަން އިތުރުކުރުމުގެ ދާއިރާތަކުން ގުޅުން ބަދަހިކޮށް، ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ތަޢުލީމީ އަދި ޘަޤާފީ ގުޅުން އާ ހަރުފަތަކަށް ގެންދިއުމަށް މި އެއްބަސްވުންތަކުގެ ސަބަބުން މަގުފަހިވެގެންދާނެއެވެ.
Ads by MACL
