ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ކުޑަހުވަދޫ އެއާޕޯޓުން އަތުލައިގަތް ބަނގުރަލާއި ބިޔަރު ނައްތާލައިފި

ކުޑަހުވަދޫ އެއާޕޯޓުން އަތުލައިގަތް ބަނގުރަލާއި ބިޔަރު --- ފޮޓޯ: ފުލުހުން
ކުޑަހުވަދޫ އެއާޕޯޓުން އަތުލައިގަތް ބަނގުރަލާއި ބިޔަރު --- ފޮޓޯ: ފުލުހުން

ކުޑަހުވަދޫ އެއާޕޯޓުން ފުރަންދިޔަ ފަތުރުވެރިންގެ އަތުން ހިފަހައްޓާފައިވާ ގިނަ އަދަދެއްގެ ބަނގުރަލާއި ބިޔަރު، ފުލުހުންގެ ހާއްސަ ކޮމިޓީއެއްގެ ބެލުމުގެ ދަށުން ދ. ކުޑަހުވަދޫގައި ނައްތާލައިފިއެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މި ތަކެތި ނައްތާލާފައިވަނީ މި ހިނގާ އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހު ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގައެވެ. އެގޮތުން ނައްތާލެވުނު ތަކެތީގެ ތެރޭގައި 51 ފުޅި ބަނގުރަލުގެ އިތުރުން 168 ދަޅު ބިޔަރު ހިމެނެއެވެ.

މި ތަކެއްޗަކީ މިއަހަރުގެ ޖޫން މަހުގެ 18 އިން ފެށިގެން ސެޕްޓެމްބަރު މަހުގެ 30 ގެ ނިޔަލަށް ދާލު އެއާޕޯޓުން ފުރަންދިޔަ ފަތުރުވެރިންގެ އަތުން އޭވިއޭޝަން ސެކިއުރިޓީން ހިފެހެއްޓުމަށްފަހު ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗެވެ. އޭގެ އިތުރުން ފުލުހުންނަށް ހުށަހެޅުނު އެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ތަކެތިވެސް ނައްތާލެވުނު ތަކެތީގެ ތެރޭގައި ހިމެނެއެވެ.

މި ތަކެތި ނައްތާލާފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގަވާއިދުގެ ދަށުން އެކުލަވާލާފައިވާ ހާއްސަ ކޮމިޓީގެ ސީދާ ބެލުމުގެ ދަށުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.