ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ކުޅުދުއްފުށީގައި ބޭބެއަށް މަރުގެ އިންޒާރުދިން މީހަކު 3 މަހަށް ޖަލަށްލައިފި

ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓު / ފޮޓޯ: ކުޅުދުއްފުށީ ކޮމް
ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓު / ފޮޓޯ: ކުޅުދުއްފުށީ ކޮމް

އަމިއްލަ އެއްބަނޑު އެއްބަފާ ބޭބެއަށް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން މީހަކު ތިން މަހާއި ދެ ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފިއެވެ.

މިދިޔަ ޖުލައި މަހުގެ ތެރޭގައި ހިނގި މި ހާދިސާގައި، ޖަލަށްލުމަށް ހުކުމްކުރި މީހާ އޭނާގެ ބޭބެ ކައިރިން ފައިސާއަށް އެދުމުން، ފައިސާ ނުދިނުމާ ގުޅިގެން ބޭބެ މަރާލާނެ ކަމަށް ބުނެ އިންޒާރު ދީފައިވެއެވެ. އަދި މި މައްސަލައާ ގުޅިގެން ފުލުހުން އެ ސަރަހައްދަށް ދިޔުމުން، ފުލުހުންގެ ހާޒިރުގައި ވެސް އޭނާ ވަނީ ބޭބެއަށް މަރުގެ އިންޒާރު ތަކުރާރުކޮށް ދީފައެވެ.

މި މައްސަލައިގައި ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން މިދިޔަ ހަފުތާގައި ކުރި ހުކުމުގައި ބުނެފައިވަނީ، ދައުވާލިބޭ މީހާގެ އަމިއްލަ އިއުތިރާފުން މި ކުށް ޝަރީއަތަށް ސާބިތުވާތީ، އޭނާ 3 މަހާއި 2 ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ނިންމީ ކަމަށެވެ.

އަދަބު ލުއިކޮށްދިނުމުގެ ގޮތުން ޖޫރިމަނާއަކަށް ނުވަތަ ގޭބަންދުގެ އަދަބަކަށް ބަދަލުކޮށްދިނުމަށް އޭނާގެ ފަރާތުން ކޯޓުގައި އެދުނެވެ. ނަމަވެސް، ޖޫރިމަނާ ދެއްކޭނެ މާލީ ތަނަވަސްކަމެއް އޭނާގެ ކިބައިގައި ނެތުމުންނާއި، އޭނާ ކުރި ކުށުގެ ބާވަތަށާއި ކުށުގެ ރެކޯޑަށް ބަލާއިރު އެ އަދަބު އެހެން އަދަބަކަށް ބަދަލުކުރެވެން ނެތް ކަމަށް ކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވެއެވެ.