ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

4،000 އަށްވުރެ ގިނަ އުފެއްދުންތަކާއެކު ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މައުރަޒު ރައީސް ހުޅުވައިދެއްވައިފި

"ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026" ރައީސް ހުޅުވައިދެއްވުން --- ފޮޓޯ: ޖީލު އޮންލައިން
"ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026" ރައީސް ހުޅުވައިދެއްވުން --- ފޮޓޯ: ޖީލު އޮންލައިން

ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު މައުރަޒު ކަމަށްވާ "ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026" 4,404 އުފެއްދުމާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ހުޅުވައިދެއްވައިފިއެވެ.

ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ މި މައުރަޒަކީ މިއަދުން ފެށިގެން އަންނަ މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް 9 ދުވަހުގެ މުއްދަތަކަށް އާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ މައުރަޒެކެވެ. މިއަހަރުގެ މައުރަޒުގައި ބައިވެރިވުމަށް 780 ފަރާތަކުން ރަޖިސްޓްރީކުރިއިރު، 419 ފަރާތަކުން ވަނީ 4,404 އުފެއްދުން ބައިވެރިކޮށްފައެވެ.

މިއީ 2025 ވަނަ އަހަރާ އަޅާބަލާއިރު %83.5 ގެ ބޮޑު ކުރިއެރުމެކެވެ. މި މައުރަޒުގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އަމިއްލަ ފަރުދުންނާއި މަސައްކަތްތެރިން ކަމަށްވާއިރު، ވިޔަފާރިތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، ތައުލީމީ މަރުކަޒުތަކުގެ އިތުރުން ކުންފުނިތަކުންވެސް ވަނީ ބައިވެރިވެފައެވެ.

ޖުމްލަ 16 ދާއިރާއަކުން 73 ގިންތިއެއް ހިމެނޭގޮތަށް ކުރިއަށްގެންދާ މި މައުރަޒުގައި އެންމެ ގިނަ އުފެއްދުން ފެންނަނީ ސަގާފީ އަތްތެރި މަސައްކަތުގެ ދާއިރާއިންނެވެ. އެއީ 1,695 އުފެއްދުމެވެ. ދެވަނައަށް އެންމެ ގިނައީ ކްރިއޭޓިވް އާޓްސް އަދި ޑިޒައިނިންގ ދާއިރާގެ 920 އުފެއްދުމެވެ.

މީގެއިތުރުން ކާބޯތަކެތި، ފެޝަން، އައިސީޓީ، އަދަބިއްޔާތު، މަސްވެރިކަން އަދި އިޔާދަކުރަނިވި ހަކަތަ ފަދަ ދާއިރާތަކުންވެސް ގިނަ އުފެއްދުންތަކެއް ވަނީ ހުށަހަޅާފައެވެ. މުޅި މައުރަޒުން ޖުމްލަ 298 އެވޯޑު ދިނުމަށް ހަމަޖެހިފައިވާއިރު، 134 ބައިވެރިއަކު ވަނީ އެކި ވަނަތައް ހާސިލުކޮށްފައެވެ. އަދި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ކެޓަގަރީން 14 ބައިވެރިއަކު ވަނީ 76 އެވޯޑު ހޯދާފައެވެ.

ތަފާތު 7 ޑިސްޓްރިކްޓަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މައުރަޒަކީ ދިވެހި އުފެއްދުންތެރިންނަށް މާކެޓުގައި އައު ފުރުސަތުތައް ހޯދައިދީ، ބޭރުގެ ފަރާތްތަކާ ގުޅިގެން ވިޔަފާރިތައް ބައިނަލްއަޤްވާމީ ފެންވަރަކަށް ފުޅާކުރުމަށް ލިބިގެންދާ މުހިންމު ފުރުސަތެކެވެ.