ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ގާބުރިއެއް ހިފައިގެން އުޅުނު އަންހެނަކު 15 ދުވަހަށް ބަންދުކޮށްފި

ގާބުރިއެއް ހިފައިގެން އުޅުނު އަންހެނަކު 15 ދުވަހަށް ބަންދުކޮށްފި

އާންމު މަސްލަހަތަށް ގެއްލުންހުރި އަމަލެއް ކުރި ކަމުގެ ތުހުމަތުގައި، މަގުމަތީގައި ގާބުރިއެއް ހިފައިގެން އުޅެނިކޮށް ހައްޔަރުކުރި 35 އަހަރުގެ ދިވެހި އަންހެނެއްގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަހުގެ މުއްދަތެއް ދީފިއެވެ.

ކޯޓުން މި ގޮތަށް ނިންމާފައިވަނީ އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވޭތީއެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައިވާ ގޮތުން، އޭނާގެ މައްޗަށް ކުރެވޭ ތުހުމަތަށް އެކަށީގެންވާ މިންވަރަށް ހެކި ވަނީ ހުށަހެޅިފައެވެ. އެ ގޮތުން ހާދިސާ ހިނގި ސީނަށް ދިޔަ ފުލުހުން ތައްޔާރުކޮށްފައިވާ ހާދިސާ ރިޕޯޓު ކޯޓަށް ހުށަހަޅާފައިވާ ކަން ފާހަގަކޮށްފައިވެއެވެ.

އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ކަނޑައެޅި އިރު، ކުރެވޭ ކުށުގެ ބާވަތުގެ އިތުރުން އޭނާގެ ކުރީގެ ކުށުގެ ރެކޯޑަށްވެސް ބަލާފައިވެއެވެ. އެހެންކަމުން ކުށް ތަކުރާރުކުރުމުގެ ފުރުސަތު އޮތުމާއެކު މުޖުތަމައުގެ ރައްކާތެރިކަމަށްޓަކައި ބަންދު މުއްދަތު އިތުރުކުރަންޖެހޭ ކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ.

ފުލުހުން އޭނާ ހައްޔަރުކޮށްފައިވަނީ ގާނޫނީ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅާފައިވާއިރު، މި ނިންމުމާއެކު އޭނާގެ ބަންދުގެ މުއްދަތު ހަމަވާނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށެވެ.