ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ތާރީޚުގެ ތެރެއިން އޭރުގެ ދިފާއީ ވަޒީރު: ރޯމާ ދުވާލު ސޮއިކުރީ އަސްކަރީ ނުރައްކާތެރި އެއްބަސްވުމުގައި!

2021 ވަނަ އަހަރު އިންޑިއާއެކު ގާއިމުކުރި އުތުރު ތިލަފަޅު (ޔޫޓީއެފް) އެއްބަސްވުމުގައި އޭރުގެ ދިފާޢީ ވަޒީރު މާރިޔާ އަޙްމަދު ދީދީ ސޮއިކުރެއްވުން ---
2021 ވަނަ އަހަރު އިންޑިއާއެކު ގާއިމުކުރި އުތުރު ތިލަފަޅު (ޔޫޓީއެފް) އެއްބަސްވުމުގައި އޭރުގެ ދިފާޢީ ވަޒީރު މާރިޔާ އަޙްމަދު ދީދީ ސޮއިކުރެއްވުން ---

ޕާކިސްތާނާއެކު ދިވެހިރާއްޖެއިން ގާއިމުކުރާ ދިފާއީ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ސިޔާދަތަށާއި ސަލާމަތީ ކަންކަމަށް އަސަރުކޮށްފާނެ ކަމަށް ވިދާޅުވެ ކުރީގެ ދިފާއީ ވަޒީރު މާރިޔާ އަހުމަދު ދީދީ ކަންބޮޑުވުން ފާޅުކުރައްވާފައިވާއިރު، ތާރީޚަށް ބަލާލުމުން ފެންނަން އޮތީ އެކަމަނާ ދިފާއީ ވަޒީރުގެ މަގާމުގައި ހުންނަވައިގެން ރޯމާ ދުވާލު ރާއްޖޭގެ ސިޔާދަތަށް ނުރައްކާވާ ފަދަ އަސްކަރީ ބޮޑު އެއްބަސްވުމެއްގައި ސޮއިކުރެއްވި މަންޒަރެވެ.

އެގޮތުން 2021 ވަނަ އަހަރު އިންޑިއާއެކު ގާއިމުކުރި އުތުރު ތިލަފަޅު (ޔޫޓީއެފް) އެއްބަސްވުމަކީ މާރިޔާގެ ވަޒީރުކަމުގައި، ދިގު މުއްދަތަކަށް ދެމިގެންދާ ގޮތަށް އަދި އިތުރަށް މުއްދަތު އާކުރެވޭނެ އުސޫލުތަކާއެކު ގާއިމުކުރެވުނު އެއްބަސްވުމެކެވެ. އެ އެއްބަސްވުމުގެ ދަށުން ރާއްޖޭގައި ހަރަކާތްތެރިވާ އިންޑިއާގެ ސިފައިންނާއި ފަންނީ ފަރާތްތަކަށް ގާނޫނީ ބޮޑެތި ރައްކާތެރިކަމާއި، ޚާއްޞަ އިމްތިޔާޒުތަކުގެ އިތުރުން އޮޕަރޭޝަނަލް ގޮތުން ބޮޑެތި ލުއިފަސޭހަތަކެއް ދީ، ރާއްޖޭގެ ސިޔާދަތީ ބާރުތަކަށް ވަނީ ހުރަސްއެޅިފައެވެ.

އޭރުގެ ސަރުކާރުން ދެފުށް ފެންނަ ގޮތާއި މަޖިލީހުގެ ފާރަވެރިކަމާއި ސަރުކާރުގެ ޒިންމާދާރުކަމާ މެދު ސުވާލު އުފެދޭ ގޮތަށް ކަންކަން ކޮށްފައިވީ ނަމަވެސް، މިހާރުގެ ސަރުކާރުން ޕާކިސްތާނާއެކު ކުރިއަށްދާ ދިފާއީ ގުޅުމަކީ ސިއްރު އެއްބަސްވުމެއް ނޫނެވެ. އަދި އެއީ ގައުމީ މަސްލަހަތާއި ސިޔާދަތީ ފުރިހަމަ އިޚްތިޔާރު ދިވެހިންގެ އަތްމަތީގައި އޮންނާނެހެން ވަރަށް ދެފުށް ފެންނަ ގޮތެއްގައި ކުރިއަށްގެންދާ ގުޅުމެކެވެ.

ކޮންމެ ޚާރިޖީ އަދި ދިފާއީ ބައިވެރިއަކާއެކު އެއްބަސްވުމެއް ވީނަމަވެސް، އެ އެއްބަސްވުމެއް ވަޒަންކުރުމުގެ މިންގަނޑަކަށް ވާންޖެހޭނީ ދިވެހިރާއްޖޭގެ ސިޔާދަތު ރައްކާތެރިކޮށް، ގައުމީ މަންފާ ހާސިލުވުމެވެ. އެހެންކަމުން އަމިއްލަ ވެރިކަމުގައި ގައުމުގެ މަސްލަހަތަށް އުނިކަންއަންނަ ގޮތަށް ކަންކަން ކުރެއްވުމަށްފަހު، މިއަދު ސަރުކާރުން ގައުމީ މަންފާގައި ކުރާ ކަންކަމަށް ފާޑުވިދާޅުވުމަކީ މާރިޔާގެ ސިޔާސީ އޮޅުވާލުމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.