ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އިންޑިއާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ލައްކައަކަށް ވުރެ މައްޗަށް!

އިންޑިއާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިން / ފޮޓޯ: ފޮޓޯ: އެމް.އެމް.ޕީ.އާރު.ސީ
އިންޑިއާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިން / ފޮޓޯ: ފޮޓޯ: އެމް.އެމް.ޕީ.އާރު.ސީ

މިއަހަރުގެ މިހާތަނަށް އިންޑިއާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އެއްލައްކައަށް ވުރެ މައްޗަށް އަރައި، ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމުތަކުގެ ލިސްޓުގެ ހަވަނަ މަޤާމު އެ ޤައުމަށް ލިބިއްޖެއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އެންމެ ފަހުން ޢާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން، މިހާތަނަށް އިންޑިއާއިން ރާއްޖެއަށް 100,435 (އެއްލައްކަ ހަތަރުސަތޭކަ ތިރީސް ފަހެއް) ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ޤައުމުތައް:

• ޗައިނާ: 326,741 ފަތުރުވެރިން
• ރަޝިއާ: 248,749 ފަތުރުވެރިން
• އިނގިރޭސިވިލާތް: 131,996 ފަތުރުވެރިން
• ޖަރުމަން: 115,814 ފަތުރުވެރިން
• އިޓަލީ: 103,504 ފަތުރުވެރިން
• އިންޑިއާ: 100,435 ފަތުރުވެރިން

މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 1.75 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 3.0 އިންސައްތައިގެ ދަށްވުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި 1.8 މިލިއަން ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާއިރު، 2024 ވަނަ އަހަރު އައިސްފައިވަނީ 1.6 މިލިއަން ފަތުރުވެރިންނެވެ.

ނަމަވެސް، މި މަހުގެ 1 އިން 24 ގެ ނިޔަލަށް ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ވަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 146,229 އިން 147,201 އަށް އިތުރުވެފައެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ މީހުން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. އެގޮތުން 1,271,775 ފަތުރުވެރިން ރިސޯޓުތަކަށް ގޮސްފައިވާއިރު، ގެސްޓްހައުސްތަކަށް 372,996 ފަތުރުވެރިން އަދި ހޮޓެލްތަކަށް 38,631 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.