އެއަރފްރައިޓް ޝިޕްމަންޓެއްގައި އެތެރެކުރި 6.75 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފި
ވައިގެމަގުން ރާއްޖެ ގެނެސްފައިވާ އެއަރފްރައިޓް ޝިޕްމަންޓެއްގެ ތެރެއިން 6.75 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގަނެފިއެވެ.
ކަސްޓަމްސްއިން މައުލޫމާތު ދީފައިވާ ގޮތުގައި މި ތަކެތި އަތުލައިގެންފައިވަނީ މި އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހުއެވެ. މި މަސްތުވާތަކެތި އަތުލައިގަތީ ރާއްޖެ އެތެރެކުރި އެއަރފްރައިޓް ޝިޕްމަންޓެއްގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ކަސްޓަމްސްގެ އޮފިޝަލުންނަށް ޝައްކުކުރެވިގެން، އެ ޝިޕްމަންޓް އިތުރަށް ބަލައިފާސްކުރުމުގެ ތެރޭގައި ކަމަށް އެ މުއައްސަސާއިން ބުނެއެވެ.
އަތުލައިގަތް މަސްތުވާތަކެތި ތަހުލީލުކުރުމުން އެއީ 'ސިންތެޓިކް ކެތިނޯން' (Synthetic Cathinone) ކަން ކަސްޓަމްސްއިން ކަށަވަރުކޮށްދީފައިވާއިރު، އަތުލައިގަނެވުނު މި ތަކެތީގެ ޖުމްލަ ބަރުދަނުގައި 6,750 ގްރާމް (6.75 ކިލޯ) ހުރިކަމަށް ވަނީ ހާމަކޮށްފައެވެ.
Ads by BMLސިންތެޓިކް ކެތިނޯންއަކީ އިންސާނާގެ މަރުކަޒީ ނާރުތަކުގެ ނިޒާމަށް ނުރައްކާތެރި އަސަރުތަކެއް ކުރުވާ، ސައިކޯއެކްޓިވް މާއްދާތައް އެކުލެވޭ މަސްތުވާއެއްޗެކެވެ. މިފަދަ ނުރައްކާތެރި ތަކެތި ރާއްޖެއަށް އެތެރެވުން ހުއްޓުވުމަށްޓަކައި، ވައިގެމަގާއި ކަނޑުމަގުން އަންނަ އުޅަނދުފަހަރާއި ޝިޕްމަންޓްތައް ބަލައިފާސްކުރުމުގެ ކަންކަން ކަސްޓަމްސްއިން އަންނނީ އިތުރަށް ހަރުދަނާކުރަމުންނެވެ.
މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށާއި، މި ޝިޕްމަންޓާ ގުޅުންހުރި ފަރާތްތައް ހޯދައި ގާނޫނީ ފިޔަވަޅު އެޅުމަށްޓަކައި، ކަސްޓަމްސްއިން މިހާރު ވަނީ މި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހަޅައި، ގުޅިގެން ތަހުގީގު ފަށާފައެވެ.
Ads by MACL
