އަތޮޅުތަކުން: ހއ. މޮޅަދޫ ފުޓްސަލް ދަނޑު ތަރައްޤީކުރުމުގެ މަޝްރޫޢުގެ 60 އިންސައްތަ މަސައްކަތް ނިމިއްޖެ
ހއ. މޮޅަދޫ ފުޓްސަލް ދަނޑު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ބޮޑުބައެއް ނިމި، މުޅި މަޝްރޫޢުގެ 60 އިންސައްތަ މަސައްކަތް މިހާރު ފުރިހަމަކުރެވިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެމްޓީސީސީން ހާމަކުރި އެންމެ ފަހުގެ މަޢުލޫމާތުގައިވާ ގޮތުން މިވަގުތު ސައިޓުގައި ކުރިއަށްދަނީ ދަނޑުގެ ސަބްބޭސް އެޅުމުގެ މަސައްކަތާއި، ފެންސް ނެޓް ހަރުކުރުމުގެ މަސައްކަތުގެ އިތުރުން ވަށާފާރުގެ ސީލަރ ކޯޓް ލުމުގެ މަސައްކަތްތަކެވެ.
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން އެމްޓީސީސީއާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ ރަށްރަށުގައި ކުޅިވަރުގެ ވަސީލަތްތައް ޤާއިމުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ސިޔާސަތުގެ ދަށުން ކުރިއަށްދާ މަސައްކަތެކެވެ.
Ads by BMLމި މަޝްރޫޢުގެ ދަށުން ދަނޑުގެ އިރުމަތީ ފެންސް އެއްކޮށް ނަގައި އައު ހޮޅިތަކާއި ނެޓް ޖަހައި ބަދަލުކުރުމާއި، ދެ ސަޕޯޓް ޕޯސްޓް އިތުރުކުރުމާއި، ގޭޓުތައް ހެދުން ހިމެނެއެވެ.
މީގެ އިތުރުން ދެކުނު ފަރާތުގެ ފެންސްގެ ހަލާކުވެފައިވާ ހޮޅިތަކާއި ނެޓުތައް އައުކުރުމާއި، މުޅި ދަނޑުގެ ވަށައިގެން ގެއްލުންވެފައިވާ އެކި ބައިތައް މަރާމާތުކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ.
Ads by MACL
