ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ބޭރު ފައިސާއާ ބެހޭ ގާނޫނާ އެއްގޮތަށް އަމަލުކުރުމަށް އެމްއެމްއޭއިން އިލްތިމާސްކޮށްފި

ބޭރު ފައިސާއާ ބެހޭ ގާނޫނާ އެއްގޮތަށް އަމަލުކުރުމަށް އެމްއެމްއޭއިން އިލްތިމާސްކޮށްފި

ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން ގާނޫނާ އެއްގޮތަށް ޑޮލަރު މާރުކުރުމުގެ އިލްތިޒާމު ފުރިހަމައަށް އަދާކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިލްތިމާސްކޮށް، ކަނޑައެޅިފައިވާ މުއްދަތުގައި ގަވާއިދަށް އަމަލުނުކުރާ ފަރާތްތަކުގެ މައުލޫމާތު އާންމުކުރާނެ ކަމުގެ އިންޒާރު ދީފިއެވެ.

އެމްއެމްއޭއިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ކޮންމެ މީލާދީ މަހަކުވެސް ބޭރު ފައިސާއިން ލިބޭ އާމްދަނީ، ޖެހިގެން އަންނަ މަހުގެ 28 ގެ ކުރިން މާރުކުރަންޖެހޭނެ ކަމަށެވެ. އަދި ސުންގަޑި ހަމަވާއިރުވެސް ގާނޫނުގައިވާ އިލްތިޒާމު ފުރިހަމަނުކުރާ ފަރާތްތަކުގެ ނަންތައް ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ހާމަކުރަމުންދާނެ ކަމަށް އެ އޮތޯރިޓީން ފާހަގަކުރެއެވެ.

އެ އޮތޯރިޓީން އާންމުކުރި ކޮމްޕްލަޔަންސް ރިޕޯޓަށް އަލިއަޅުވާލައި ބުނެފައިވަނީ، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ރިސޯޓުތަކުން ގަވާއިދަށް ހުރުމަތްތެރިކޮށް ހިތަމުންދާ ކަމަށެވެ. އެގޮތުން ރާއްޖޭގެ ރިސޯޓުތަކުގެ 78 އިންސައްތައިން ގަވާއިދާ އެއްގޮތަށް ޑޮލަރު މާރުކުރުމުގެ މަރުހަލާތައް ފުރިހަމައަށް ކުރިއަށް ގެންދާކަން ރިޕޯޓުން ދައްކައެވެ.

ގާނޫނީ އިމުގެ ތެރެއިން މާރުކުރެވޭ ބޭރު ފައިސާގެ 90 އިންސައްތަ އެމްއެމްއޭއަށް ނަގާއިރު، އޭގެ ތެރެއިން 30 އިންސައްތަ އެމްއެމްއޭއިން ދިވެހި ބޭންކުތަކަށް އިސްކަންދީގެން އަނބުރާ ދޫކުރެއެވެ.

މިގޮތަށް ބޭންކުތަކަށް ފޯރުކޮށްދެވޭ ފައިސާގެ ބޮޑުބައެއް ހާއްސ ކުރެވެނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ޑޮލަރު ފޯރުކޮށްދިނުމަށާއި، އާންމުންގެ ޒަރޫރީ ބޭނުންތަކަށާއި ކާބޯތަކެތި އެތެރެކުރުމަށެވެ. މީގެ އިތުރުން އެމްއެމްއޭގައި ބަހައްޓާ ފައިސާގެ ބޮޑުބައި ހޭދަކުރަނީ ތެލާއި، ގޭހާއި، ބޭހުގެ އިތުރުން ގައުމަށް ބޭނުންވާ އަސާސީ މުދާ އިމްޕޯޓްކުރުމަށެވެ.