ފުނަދޫ ޕެޓްރޯލް ޝެޑު އަލިފާނުގެ ހާދިސާ ތަހުގީގު ކުރަން ފުލުހުންގެ ހާއްސަ ޓީމެއް އެ ރަށަށް
ށ. ފުނަދޫގައި ހިންގާ ޕެޓްރޯލް ޝެޑެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާ މެދުވެރިވާން ދިމާވި ހަގީގީ ސަބަބު ދެނެގަތުމަށާއި އެ ސަރަހައްދު ތަހުލީލުކުރުމަށްޓަކައި، ދިވެހި ފުލުހުންގެ މޭޖާ ކްރައިމް އިންވެސްޓިގޭޝަންގެ ހާއްސަ ތަހުގީގީ ޓީމެއް އެ ރަށަށް ފޮނުވަން ނިންމައިފިއެވެ.
މި ހާދިސާގެ ތަހުގީގު އިތުރަށް ކުރިއަށް ގެންދިއުމަށްޓަކައި ފުލުހުން މިހާރު އެ ސަރަހައްދު ބަންދުކޮށްގެން ހާއްސަ ތަހުލީލުތަކެއް ކުރަމުން އަންނައިރު، އިއްޔެ ހެނދުނު 8:30 ހާއިރު ފުނަދޫ "ފަތްމިނި" ޕެޓްރޯލް ޝެޑުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވަނީ ގާތްގަނޑަކަށް ހަތަރު ގަޑިއިރުގެ ބުރަ މަސައްކަތަށްފަހު މެންދުރު 12:00 ހާއިރުއެވެ.
އެ ރަށުގައި ހުރި ހަމައެކަނި ޕެޓްރޯލް ޝެޑުން ފެށުނު މި އަލިފާންގަނޑު ވަރަށް ބޮޑަށް ފެތުރި، ކައިރީގައި ހުރި މީހުން ދިރިއުޅޭ ގެއަކަށާއި، އިންޖީނު މަރާމާތުކުރާ ގަރާޖަކަށާއި، ގުދަނަކާއި، ސައިކަލެއްގެ އިތުރުން ކުޑަ ގަރާޖަކަށް ފޯރައި، އެ ތަންތަން ވަނީ އަނދައި ބޭނުން ނުކުރެވޭ ވަރަށް ގެއްލުންވެފައެވެ.
Ads by BMLމި ނުރައްކާތެރި ހާދިސާއާ ގުޅިގެން ޖުމްލަ 18 މީހަކަށް އެކި ވަރުގެ އަނިޔާތައް ލިބިގެން ސިއްހީ އަވަސް ފަރުވާ ދޭންޖެހުނެވެ. މީގެ ތެރޭގައި ދުމުގެ އަސަރުކޮށްގެން ފަރުވާ ހޯދި ފަޔާފައިޓަރަކާއި ހޮސްޕިޓަލުގެ މުވައްޒަފެއްގެ އިތުރުން، ބާރުގަދަ އަޑަކާއެކު އެއްޗެއް ގޮވުމުން ރައްކާތެރިކަން ހޯދަން ދުވުމުގެ ތެރޭގައި އަނިޔާވި މީހުންނާއި ނަފްސާނީ ގޮތުން ބިރުވެރިކަން ތަހައްމަލުކުރަން ޖެހުނު 16 މީހަކު ހިމެނެއެވެ.
އަލިފާނުގެ ސަބަބުން ގެދޮރު ގެއްލުނު އާއިލާއަށް އެހީތެރިވުމުގެ ގޮތުން، ގެއިން ގެއްލުން ލިބުނު 11 މީހަކަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ ފަސް ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމު ހަމަޖައްސައިދީފައެވެ.
Ads by MACL
