ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ގޭގައި ތަޢުލީމު ދެވޭގޮތަށް ހޯމް-ސްކޫލިން ތަޢާރަފްކުރުމުގެ ބިލު މަޖިލީހަށް!

 ރައްޔިތުންގެ މަޖިލީހުގެ ޖަލްސާކުރާ މާލަން / ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާކުރާ މާލަން / ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

ނުކުޅުދުންތެރިކަން ހުންނަ ކުދިންނާއި ނަފްސާނީ ހާލަތު ހުންނަ މިންވަރަށް ބިނާކޮށް، ގޭގައި ތިބެގެން މަދަރުސީ ތަޢުލީމު ހާސިލުކުރެވޭނެ "ހޯމް-ސްކޫލިން ޕްރޮގްރާމް" ތަޢާރަފްކުރުމަށް ތަޢުލީމުގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމްއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މި ބިލުގެ ފުރަތަމަ ކިޔުން އިއްވާފައެވެ.

ބިލުގެ މައިގަނޑު އަސާސްތައް:
މި ބިލަކީ ދަރިވަރުގެ ނުކުޅުދުންތެރިކަން ހުރި ނިސްބަތަށާއި ނަފްސާނީ ހާލަތަށް ބަލައި ހަދާ ޚާއްޞަ އެސެސްމެންޓެއްގެ މައްޗަށް ބިނާކޮށް، ގޭގައި ތަޢުލީމު ފޯރުކޮށްދިނުމުގެ ޝަރުތުތަކާއި އުސޫލުތައް ކަނޑައެޅުމަށް ހުށަހެޅި ބިލެކެވެ. އެގޮތުން ޖިސްމާނީ، ނަފްސާނީ އަދި އެނޫންވެސް ޚާއްޞަ ހާލަތްތަކުގެ ސަބަބުން ސްކޫލަށް ހާޒިރުވެގެން ތަޢުލީމު ހާސިލުނުކުރެވޭ ކުދިންނަށް، އެ ކުދިން ދިރިއުޅޭ ގޭގައި މަދަރުސީ ތަޢުލީމު ފޯރުކޮށްދިނުމުގެ ފުރުޞަތު މި ޕްރޮގްރާމްގެ ދަށުން ފަހިވެގެންދާނެއެވެ.

މީގެއިތުރުން، މަދަރުސީ ތަޢުލީމުގެ ނިޒާމު ހިންގައި ތަންފީޒުކުރުމުގައި ބެލެނިވެރިންނާއި، މުދައްރިސުން އަދި ޕްރިންސިޕަލުންގެ ދައުރު އިތުރަށް ތަފްސީލުކުރުމަކީ ވެސް މި ބިލުގެ މުހިންމު މަޤްސަދެކެވެ.

ހިލޭ ނާސްތާ ދިނުމާއި ދަރިވަރުންގެ އަޚުލާޤު:
މި ބިލުގައި ހިމަނާފައިވާ އިތުރު ކަންކަމަށް ބަލާއިރު، ސްކޫލް ގަޑީގައި ނާސްތާ ހޯދަން ދަތިވާ ކުދިންނަށް ސަރުކާރުގެ ކޮންމެ ސްކޫލަކުން ކޮންމެ ދުވަހަކު ވެސް ހިލޭ ނާސްތާ ފޯރުކޮށްދިނުމަށް ވަނީ ކަނޑައަޅާފައެވެ.

އަދި ތަޢުލީމީ ޤާނޫނަށް ގެންނަ މި ބަދަލުތަކުގެ ތެރޭގައި ދަރިވަރުންގެ ދައުރު ސާފުކޮށް ބަޔާންކޮށް، ސްކޫލްގެ އިސްވެރިންނާއި، މުދައްރިސުން އަދި ބޮޑެތި މީހުންނަށް އިޚްތިރާމްކުރުމުގެ އާދަ އަށަގަންނުވަން މަސައްކަތްކުރުން ހިމެނެއެވެ. މީގެ އިތުރުން މުދައްރިސުންނާއި ސްކޫލްގެ މުވައްޒަފުން އަދި އެހެން ދަރިވަރުންނަށް ގޯނާގެ އެއްވެސް އަމަލެއް ނުހިންގުމަށާއި، އެފަދަ ކަމެއްގައި ބައިވެރިނުވުމުގެ އިތުރުން، ކިޔަވާ ސްކޫލްގެ ޤަދަރު ހިފެހެއްޓުމާ ގުޅޭ ކަންކަން ބިލުގައި ވަނީ ތަފްސީލުކޮށްފައެވެ.