އެކްސްޕޯގެ ކޮންމެ ދިމާލަކުން ވެސް އާއިލާއާއެކު އުފާވެރި ވަގުތުކޮޅެއް: ބީސީސީ
ދިވެހިންގެ އުފެއްދުންތެރިކަން ކުރިއަރުވައި ވިޔަފާރީގެ މާހައުލު ފުޅާކުރުމަށް ބާއްވާ "ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު" (މޯލްޑިވްސް އެކްސްޕޯ) ރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުލަގަދަ ރަސްމިއްޔާތަކާއެކު ފަށައިފިއެވެ.
އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ގުޅިގެން ކުރިއަށްގެންދާ މި އެކްސްޕޯ އަންނަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. ޖުމްލަ ހަ ދުވަހުގެ މުއްދަތަށް ބާއްވާ މި މައުރަޒަކީ ކުރީ އަހަރުތަކާ އަޅާބަލާއިރު މާ ފުޅާކޮށް އަދި ބޮޑުކޮށް އިންތިޒާމުކުރެވިފައިވާ ހަރަކާތެކެވެ.
ކޮންމެ އުމުރުފުރާއަކަށް ޚާއްސަ ހަރަކާތްތަކެއް:
ބީސީސީއިން މައުލޫމާތު ދެއްވި ގޮތުގައި، މުޅި މައުރަޒު ވަނީ ތަފާތު 7 ޑިސްޓްރިކްޓަކަށް ބަހާލެވިފައެވެ. ކޮންމެ ދިމާލަކުން ވެސް އާއިލާތަކަށް އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ އިންތިޒާމުތައް ހަމަޖެހިފައިވާއިރު، ހަވީރުގެ ވަގުތުތައް ޚާއްސަކޮށްފައިވަނީ ކުޑަކުދިންގެ ހަރަކާތްތަކަށެވެ. އަދި ރޭގަނޑުގެ ވަގުތުތަކުގައި ޒުވާނުންނާއި ބޮޑެތި މީހުންނަށް ޚާއްސަ ގިނަ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ.
Ads by BMLމި އެކްސްޕޯގެ ތެރެއިން ފޯރިގަދަ ބޮޑުބެރު ޗެލެންޖަކާއި ސަގާފީ ވާދަ މުބާރާތްތަކެއް ވެސް ކުރިއަށްދާނެއެވެ. އޭގެ ތެރޭގައި ލަނގިރި ނެގުމާއި، ދިގުފަލި ޖެހުމާއި، ކުރުފަލި ޖެހުމުގެ އިތުރުން ބަނޑިޔާ ޖެހުން ފަދަ ދިވެހި ސަގާފީ އެކި ގްރޫޕްތަކުގެ ހުނަރުވެރި ހުށަހެޅުންތައް ފެނިގެންދާނެއެވެ. މީގެއިތުރުން، ހަވީރާއި ރޭގަނޑު މައުރަޒުގެ މައި ސްޓޭޖުން އެކި މިއުޒިކް ބޭންޑްތަކުގެ ހުށަހެޅުންތައް ވެސް ފެންނާނެއެވެ.
ވިޔަފާރިތަކަށް ލިބޭ ރަން ފުރުސަތެއް:
މި މައުރަޒަކީ ރާއްޖޭގެ އެކި ފަންތީގެ ވިޔަފާރިތަކާއި އަމިއްލަ އުފެއްދުންތެރިންނަށް ލިބިގެންދާ ވަރަށް ބޮޑު އިޤުތިޞާދީ ފުރުޞަތެކެވެ. ޚިދުމަތްދޭ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ކަސްޓަމަރުން އެއްތަންވެ، ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމަށާއި މާކެޓް ކުރުމަށް ވާހަކަދައްކާލެވޭނެ ޚާއްޞަ ބިޒްނަސް ނެޓްވޯކިންގ ސަރަހައްދުތަކެއް ވެސް ޕާކުގައި ވަނީ ޤާއިމުކޮށްފައެވެ.
Ads by MACL
