އިންސާނިއްޔަތުގެ ލާމަސީލު ނަމޫނާއެއް: ލަންކާ ކަނޑުން އީރާނުގެ 40 ފަޅުވެރިއަކު ސަލާމަތްކޮށްފި!
ސްރީ ލަންކާގެ އައްސޭރިފަށުން ބައިނަލްއަޤުވާމީ ކަނޑުގެ ސަރަހައްދުގައި ހާލުގައި ޖެހުނު އީރާނުގެ 40 ފަޅުވެރިއަކު ސަލާމަތްކޮށް، އެނބުރި ގައުމަށް ފޮނުވާލުމުގައި ސްރީ ލަންކާ ސަރުކާރުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
ސްރީ ލަންކާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ތުޝާރާ ރޮޑްރީގޯ ވިދާޅުވީ، މި އޮޕަރޭޝަން ހިންގާފައިވަނީ ކުއްލި ސިއްހީ ފަރުވާއަށް ބޭނުންވެފައި ތިބި ފަޅުވެރިންތަކެއް ސަލާމަތްކޮށްދިނުމަށް އެދި، ކޮލަމްބޯގައި ހުންނަ އީރާނުގެ ސަފާރާއިން ޑިޕްލޮމެޓިކް ޗެނަލްތައް މެދުވެރިކޮށް އެދުމާ ގުޅިގެން ކަމަށެވެ. އެ މީހުން ހާލުގައި ޖެހުނު ސީދާ ސަބަބުގެ އިތުރު ތަފްސީލެއް ލަންކާ ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ބައެއް މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި، މި ފަޅުވެރިން ތިބީ އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ އީރާނުގެ ތެޔޮ ޓޭންކަރުތަކެއްގައެވެ.
ގޯލް ބަނދަރަށް ބާލައި ފަރުވާދިނުން:
ތަރުޖަމާނު ވިދާޅުވި ގޮތުގައި، ވިޔަފާރި އުޅަނދުތަކެއްގެ އެހީގައި ސަލާމަތްކުރި މި ފަޅުވެރިން ކޮލަމްބޯއާ 126 ކިލޯމީޓަރު ދުރުގައި އޮންނަ ގޯލް ބަނދަރަށް ގެނެސްފައިވަނީ ތަފާތު 19 އުޅަނދެއްގައެވެ. ބަނދަރަށް ގެނައުމަށްފަހު އެ މީހުންނަށް ބޭނުންވާ ސިއްހީ ފަރުވާ ފޯރުކޮށްދީފައިވާއިރު، މި އެންމެން ވެސް އިއްޔެ (އޮކްޓޫބަރު 25) ގެ ފަތިހުގެ ވަގުތެއްގައި ވައިގެ މަގުން އެނބުރި އީރާނަށް ފުރާފައިވާ ކަމަށް ރޮޑްރީގޯ ކަށަވަރުކޮށްދެއްވިއެވެ. މި އިންސާނީ އެހީތެރިކަމުގެ މަސައްކަތުގައި ލަންކާގެ ކަނޑުގެ ސިފައިންނާއި ކޯސްޓްގާޑުން ބޮޑު ދައުރެއް އަދާކުރިކަން ސަރުކާރުގެ މަސްދަރުތަކުން ބުނެއެވެ.
Ads by BMLކުރީގެ ހާދިސާތައް:
މިއީ އިންސާނިއްޔަތަށްޓަކައި އީރާނުގެ ފަޅުވެރިންތަކަކަށް ލަންކާއިން އެހީތެރިވި ފުރަތަމަ ފަހަރެއް ނޫނެވެ. މިއަހަރުގެ މާރިޗު 4 ގައި އެމެރިކާގެ ސަބްމެރިންއަކުން ދިން ޓޯޕިޑޯ ހަމަލާއެއްގައި އީރާނުގެ މަނަވަރު 'އައިއާރުއައިއެސް ދެނާ' އަޑިއަށް ދިޔަ ހާދިސާގައި ވެސް ލަންކާއިން ވަނީ ގިނަ އަދަދެއްގެ ފަޅުވެރިން ސަލާމަތްކޮށްދީފައެވެ. އެ ހާދިސާގައި މަރުވި 80 އަށްވުރެ ގިނަ ފަޅުވެރިންގެ ހަށިތައް މާރިޗު މަހު އީރާނަށް ބަދަލުކޮށްފައިވާއިރު، ސަލާމަތްވި 32 މީހުންނާއި އެހެން އުޅަނދެއްގެ 208 ފަޅުވެރިން ވެސް ލަންކާ މެދުވެރިކޮށް ނިމިދިޔަ އެޕްރީލް މަހު ވަނީ އަނބުރާ ގައުމަށް ފޮނުވާލާފައެވެ.
Ads by MACL
