ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ހދ. ހަނިމާދޫގައި ސަރުކާރުން ބިނާކުރާ އާ މިސްކިތުގެ ބޮޑުބައެއް ނިމި، މަސައްކަތް ބާރުސްޕީޑްގައި ކުރިއަށް!

ހދ. ހަނިމާދޫގައި ސަރުކާރުން އިމާރާތް ކުރައްވަމުންދާ 500 މީހުންގެ ޖާގައިގެ އާ މިސްކިތް / ފޮޓޯ: މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑޯމެންޓްސް
ހދ. ހަނިމާދޫގައި ސަރުކާރުން އިމާރާތް ކުރައްވަމުންދާ 500 މީހުންގެ ޖާގައިގެ އާ މިސްކިތް / ފޮޓޯ: މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑޯމެންޓްސް

ހދ. ހަނިމާދޫގައި ސަރުކާރުން އިމާރާތް ކުރައްވަމުންދާ 500 މީހުންގެ ޖާގައިގެ އާ މިސްކިތުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް އެ މިސްކިތް ބިނާކުރުމުގެ މަޝްރޫޢާ ބެހޭ އިދާރާއިން ހާމަކުރައްވައިފިއެވެ.

މި މަޝްރޫޢުގެ ތެރެއިން މިހާރު އެންމެ އިސްކަމެއް ދީގެން ކުރިއަށްދަނީ މިސްކިތުގެ ކޮލަމްތައް އެޅުމުގެ މަސައްކަތާއި، ވުޟޫކުރާ ބައިގެ ބޭރު ފާރުގެ މޭސަނަރީ މަސައްކަތްތަކެވެ. މީގެ އިތުރުން، މިސްކިތުގެ މައި އިމާރާތުގެ މޭސަނަރީ މަސައްކަތްތަކާއި، ސިމެންތި ޖެހުން ނުވަތަ ޕްލާސްޓަރިންގ މަސައްކަތްތަކުގެ ބޮޑުބައެއް މިހާރު ވަނީ ނިމިފައެވެ. އަދި މިސްކިތުގެ ގުއްބު ހިމެނޭ ސަރަހައްދުގެ ސްލެބް އެޅުމުގެ އަމަލީ މަސައްކަތްތައްވެސް ބާރަށް ކުރިއަށްދާ ކަމަށް މައުލޫމާތު ލިބެއެވެ.

ހަނިމާދޫގެ ރައްޔިތުންނަށް ދީނީ އަޅުކަން އަދާކުރުމުގައި ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދަވާ މި މަޝްރޫޢަކީ، ޒަމާނީ ފެންވަރަށް، ފުރިހަމަ ވަސީލަތްތަކާއެކު ބިނާކުރެވޭ މިސްކިތެކެވެ. މިސްކިތުގެ މަސައްކަތް އެއްކޮށް ނިމުމުން، އެ ރަށުގެ ދީނީ ހަރަކާތްތަކަށާއި ޖަމާޢަތުގައި ނަމާދުކުރުމަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެއެވެ.