ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ އަންނަ މަހުގެ 19 އަށް ތަޢުވާލުކޮށްފި
މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާ، އަންނަ ނޮވެންބަރު މަހުގެ 19 ވާ ބުރާސްފަތި ދުވަހުގެރޭ ބާއްވަވާ ގޮތަށް ސަރުކާރުން ހަމަޖައްސަވައިފިއެވެ. ހުޅުމާލޭ ސެންޓްރަލް ޕާކުގައި އެރޭ 8:30 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވާނެއެވެ.
މި ޖަލްސާގެ ތެރެއިން މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު އެރުވުން އޮންނާނެއެވެ. މި އިނާމަކީ ޢިލްމާއި، ހުނަރާއި، އަދި އުފެއްދުންތެރިކަމުގެ ދާއިރާއިން ހިތްވަރާއެކު ހޯދާ ކާމިޔާބީތައް ޤައުމީ ފެންވަރުގައި ވަޒަންކުރެއްވުމުގެ ގޮތުން ދެއްވާ އިނާމެކެވެ. އިނާމު ލިބޭ ފަރާތްތައް ހޮއްވަވާނީ އެކަމަށްޓަކައި އެކުލަވައިލައްވާފައިވާ ޚާއްޞަ އިނާމާބެހޭ ކޮމިޓީން ކަމަށްވާއިރު، އިނާމުގެ ގޮތުގައި އެރުވުމަށް ހަމަޖެހިފައިވަނީ މެޑެއްޔަކާއި ހަނދާނީ ލިޔުމެކެވެ.
ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި އިޚްލާޞްތެރިކަމާއެކު ޚިދުމަތްކުރައްވާފައިވާ މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން ދެއްވާ "ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު"ވެސް މި ޖަލްސާގައި އެރުވުމަށް ވަނީ ހަމަޖެހިފައެވެ. ޤައުމީ އިނާމާބެހޭ ކޮމިޓީން މީހުން ހޮއްވަވާ މި އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ ޝަރަފުގެ ބެޖަކާއި، އައްޑަނައެއްގެ އިތުރުން ހަނދާނީ ލިޔުމެކެވެ.
Ads by BML
Ads by MACL
