ކައްދޫ އެކްސިޑެންޓު: 1 މިލިއަންގެ ދިޔައާއެކު ޖަލު ހުކުމެއް
ލ. ކައްދޫ ލިންކް ރޯޑުގެ ކަފިހިހުރަސް މަތިން ހިނގާފައި ދިޔަ ދެ މީހެއްގެ ގައިގައި ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖެހި އަންހެނަކު ނިޔާވި ހާދިސާގައި، ސައިކަލު ދުއްވަން ހުރި މީހާގެ މައްޗަށް ޖަލު އަދަބެއް ކަނޑައަޅައި، މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ ދެއްކުމަށް ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި ކުށް ސާބިތުވެފައި ވަނީ ލ. ފޮނަދޫ، ހޯރަވިލާ، މުޙައްމަދު ނައުސާންގެ މައްޗަށެވެ. ދައުލަތުން އޭނާގެ މައްޗަށް އުފުލި ފަރުވާކުޑަ އަމަލެއްގެ ސަބަބުން މީހަކު މަރުވެދިޔުމުގެ ކުށުގެ ދައުވާއަށް، ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާއެކު ހެދި އިއުތިރާފުގެ އެއްބަސްވުމުގެ ދަށުން އޭނާ ވަނީ ޝަރީއަތުގައި ކުށަށް އިއުތިރާފުވެފައެވެ. އެއާއެކު ކޯޓުން އޭނާއަށް ކަނޑައެޅީ ތިން އަހަރުގެ ޖަލު އަދަބެކެވެ. ނަމަވެސް، ތަހުގީގާއި ޝަރީއަތުގެ މަރުހަލާގައި ބަންދުގައި ހޭދަކުރި އެއް އަހަރާއި ދެ މަހާއި 10 ދުވަސް އުނިކުރުމުން، އޭނާ ދެން ތަންފީޒުކުރަން ޖެހޭނީ އެއް އަހަރާއި ނުވަ މަހާއި 20 ދުވަހުގެ ޖަލު ބަންދެކެވެ. މީގެ އިތުރުން ޝަރުއީ ކައްފާރާއެއްގެ ގޮތުގައި ވިދިވިދިގެން 60 ދުވަހު ރޯދަ ހިފުމަށް ވެސް ވަނީ އަމުރުކޮށްފައެވެ.
ނިޔާވި މީހާގެ ވާރިސުންގެ ފަރާތުން މަރުގެ ދިޔަ ހޯދުމަށް އެދިފައިވާތީ، ހުކުމް ކުރި ތާރީޚުން ފެށިގެން ކުރިއަށް އޮތް 36 މަސްދުވަހުގެ ތެރޭގައި މަރުގެ ދިޔައިގެ ގޮތުގައި 1,000,000 (އެއް މިލިއަން) ރުފިޔާ ސިވިލް ކޯޓަށް ދައްކައި ޚަލާސްކުރުމަށް ޝަރީއަތުން ވަނީ ނައުސާނަށް އަމުރުކޮށްފައެވެ. މީގެ އިތުރުން މީހަކަށް އަނިޔާއެއް ދިނުމުގެ ދައުވާއެއްވެސް ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވެއެވެ.
Ads by BMLމި ނުރައްކާތެރި އެކްސިޑެންޓް ހިނގާފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓް 15 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ. އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތި، ފަހަތަށް މީހަކު އަރުވައިގެން ނައުސާން ބާރު ސްޕީޑުގައި ސައިކަލު ދުއްވާފައި ދަނިކޮށް އެކްސިޑެންޓްވީ، ކައްދޫ އިސްކަންދަރު އެއާބޭސް ޓާމިނަލް މަގާއި ލިންކް ރޯޑު ގުޅޭ ހަތަރުއަނގޮޅީގައި އޮންނަ ކަފިހިހުރަހުން ބަނދަރާ ދިމާލަށް މަގުހުރަސްކުރި ދެ މީހެއްގެ ގައިގައި ސައިކަލުން ޖެހިގެންނެވެ.
އެ ހާދިސާގައި ސައިކަލުން ޖެހި ލިބުނު ސީރިއަސް ޒަޚަމްތަކަށް ފަރުވާދެމުން ދަނިކޮށް އެ ރޭ ނިޔާވެފައި ވަނީ ލ. މާވަށް، އެތުމާ، މަރްޔަމް މޫސާއެވެ. އަދި އޭނާއާއެކު މަގު ހުރަސްކުރި އއ. ހިމަންދޫ، ގަލްފް، އަބްދުއްސަލާމް ހުސައިނަށް ވެސް މި އެކްސިޑެންޓުގައި ބޮޑެތި އަނިޔާތަކެއް ލިބިފައިވެއެވެ.
Ads by MACL
