ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ސެޕްޓެމްބަރު މަހު އެއާޕޯޓު ފީތަކަށް 349 މިލިއަން ރުފިޔާ؛ ލަފާކުރި މިންވަރަށްވުރެ މީރާގެ އާމްދަނީ އިތުރު

ސެޕްޓެމްބަރު މަހު އެއާޕޯޓު ފީތަކަށް 349 މިލިއަން ރުފިޔާ؛ ލަފާކުރި މިންވަރަށްވުރެ މީރާގެ އާމްދަނީ އިތުރު

ނިމިދިޔަ ސެޕްޓެމްބަރު މަހު ރާއްޖޭގެ އެއާޕޯޓުތަކުން ފުރި ފަސިންޖަރުންގެ އަތުން ނެގި ފީތަކުން ދައުލަތަށް 349 މިލިއަން ރުފިޔާ ލިބި، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އެ މަހަށް ލަފާކުރި މިންވަރަށްވުރެ އިތުރަށް އާމްދަނީ ވަދެެއްޖެއެވެ.

މީރާއިން އާންމުކުރި އެންމެ ފަހުގެ ހިސާބުތައް ދައްކާގޮތުން، ލަފާކުރި 2.29 ބިލިއަން ރުފިޔާއަށްވުރެ 12.7 އިންސައްތަ އިތުރަށް އާމްދަނީ ލިބިފައިވާއިރު، ސެޕްޓެމްބަރު މަހު ޖުމްލަ 2.58 ބިލިއަން ރުފިޔާ ވަނީ ބަލައިގަނެފައެވެ. މީގެ ތެރޭގައި 126.81 މިލިއަން އެމެރިކާ ޑޮލަރު ވެސް ހިމެނެއެވެ.

އެއާޕޯޓުން ލިބުނު އާމްދަނީގެ ތަފްސީލަށް ބަލާއިރު، ޑިޕާޗާ ޓެކުހުގެ ގޮތުގައި 172.81 މިލިއަން ރުފިޔާ މީރާއަށް ވަނީ ލިބިފައެވެ. އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ (އޭޑީއެފް) އިން 176 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ ވޭތުވެދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު 6.4 އިންސައްތައިގެ ކުރިއެރުމެކެވެ.

މީރާގެ ޖުމްލަ އާމްދަނީ އަންދާޒާއަށްވުރެ މަތިވި ނަމަވެސް، 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ލިބުނު သިން ބިލިއަން ރުފިޔާއާ އަޅާބަލާއިރު މިއީ 10.7 އިންސައްތައިގެ ދަށްވުމެކެވެ. އަހަރުން އަހަރަށް ބަލާއިރު އާމްދަނީ ދަށްވި މައިގަނޑު ސަބަބަކީ ރިސޯޓުތަކުގެ ލީސް މުއްދަތު އިތުރުކުރުމުގެ ފީގެ ގޮތުގައި ލިބުނު އަދަދު 508.44 މިލިއަން ރުފިޔާއިން 5.76 މިލިއަން ރުފިޔާއަށް ކުއްލިއަކަށް ތިރިއަށް ދިއުމާއި، އާންމު ވިޔަފާރިތަކުގެ ޖީއެސްޓީން ލިބުނު މިންވަރު މަދުވުމެވެ.

ޖުމްލަ އާމްދަނީ ދަށްވި ނަމަވެސް، ޓެކްސްގެ ގޮތުގައި ދައުލަތަށް ވަން އާމްދަނީ ވަނީ ކުރީ އަހަރުގެ ސެޕްޓެމްބަރު މަހުގެ 1.73 ބިލިއަން ރުފިޔާއިން 1.85 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. އާމްދަނީގެ އެންމެ ބޮޑު ބަޔެއް ހިއްސާކުރީ ޖީއެސްޓީއެވެ. އެގޮތުން ޖީއެސްޓީގެ ގޮތުގައި ޖުމްލަ 1.25 ބިލިއަން ރުފިޔާ ލިބުނުއިރު، މީގެ ތެރެއިން ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޓީޖީއެސްޓީގެ ގޮތުގައި 792.13 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

މީގެ އިތުރުން ޓޫރިޒަމް ދާއިރާއިން ދައުލަތަށް ލިބުނު އާމްދަނީއަށް ބަލާއިރު، ޓޫރިޒަމް ބިމު ކުލީގެ ގޮތުގައި 424.23 މިލިއަން ރުފިޔާ އަދި ގްރީން ޓެކުހުގެ ގޮތުގައި 202.12 މިލިއަން ރުފިޔާ ސެޕްޓެމްބަރު މަހުގެ ތެރޭގައި މީރާއަށް ވަނީ ބަލައިގަނެފައެވެ.