ޗައިނާގައި މޯލްޑިވިއަންގެ އައު އޮފީހެއް ހުޅުވައި ޚިދުމަތްތައް ފުޅާކޮށްފި
ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ބައިނަލްއަގުވާމީ ދަތުރުތަކާއި ޚިދުމަތްތައް އިތުރަށް ވަރުގަދަކުރުމުގެ މަގުސަދުގައި ޗައިނާގެ ވެރިރަށް ބެއިޖިންގައި އެ އެއާލައިންގެ ޚާއްސަ އައު އޮފީހެއް މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.
މިއީ މޯލްޑިވިއަންގެ ދަތުރުތައް ބައިނަލްއަގުވާމީ މައިދާނުގައި ހަރުދަނާކޮށް، ދެ ގައުމުގެ ދެމެދުގައި އޮތް ވައިގެ ދަތުރުފަތުރާއި ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ގައުމީ އެއާލައިނުން މައުލޫމާތު ދެއެވެ.
ބެއިޖިންގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި އޮފީސް ހުޅުއްވައިދެއްވީ އައިލެންޑް އޭވިއޭޝަން ސާވިސަސްގެ ޗެއާމަން އަޙުމަދު ޝަފީޢުއާއި، މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސްއާއި، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ ސަލީމުގެ އިތުރުން ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ފަޒީލް ނަޖީބެވެ.
Ads by BMLރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު އެއް މާކެޓުގެ ގޮތުގައި ޗައިނާ ހިމެނޭއިރު، މި އަހަރުގެ މިހާތަނަށް އެ ގައުމުން 327,531 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާކަމަށް މޯލްޑިވިއަންއިން ފާހަގަކުރެއެވެ.
މޯލްޑިވިއަންއިން މިހާރުވެސް އޭ330-200 މަރުކާގެ މަތިންދާބޯޓު ބޭނުންކޮށްގެން ބެއިޖިން އާއި ޝަންހާއީ ހިމެނޭހެން ޗައިނާގެ ތިން ސިޓީއަކަށް ދަތުރުތައް ބާއްވަމުން އަންނައިރު، އެ ގައުމުގެ ޖެނެރަލް ސޭލްސް އެޖެންޓެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ މެގަކެޕް އެވިއޭޝަން ސާވިސަސްއެވެ.
އައު އޮފީސް ހުޅުވުމާއެކު ޗައިނާގެ މާކެޓުގައި އެއާލައިންގެ ހަރަކާތްތައް ފުޅާވެ، އެ ގައުމުގެ ވިޔަފާރި ޕާޓްނަރުންނާއި ކަސްޓަމަރުންނާ އޮންނަ ގުޅުން ބަދަހިވެގެންދާނެ ކަމަށް މޯލްޑިވިއަންއިން ބުނެއެވެ.
މީގެ އިތުރުން މި ނިންމުމުގެ ސަބަބުން ދަތުރުކުރާ ފަސިންޖަރުންނަށް ޚިދުމަތްތައް ހޯދުމުގައި ބޮޑެތި ފަސޭހަތަކެއް ލިބި، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ.
Ads by MACL
