ދުންފަތް ކޮންޓްރޯލްކުރުމުގެ ގަވައިދާ ޚިލާފުވި 97 ތަނަކަށް އެޗްޕީއޭއިން ނަސޭހަތްދީފި
ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ތަންތަނުގައި އެ އަމަލު ހިންގާތޯ ބެލުމަށް މާލެ ސަރަހައްދުގައި ކުރިއަށްގެންދިޔަ ޚާއްސަ އިންސްޕެކްޝަނެއްގެ ތެރެއިން، ގަވައިދާ ޚިލާފުވި 97 ވިޔަފާރިއަކަށް އިސްލާހުވުމަށް އަންގައި ނަސޭހަތް ދީފިއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މައުލޫމާތު ދެއްވި ގޮތުގައި، ދުންފަތާ ބެހޭ ގާނޫނު ތަންފީޒުވަމުންދާ މިންވަރު ދެނެގަތުމަށް މިދިޔަ މަހުގެ ތެރޭގައި ޖުމްލަ 230 ތަނެއް ވަނީ ފާސްކޮށް ބަލައިފައެވެ.
މި އިންސްޕެކްޝަންތަކުގައި މައިގަނޑު ގޮތެއްގައި ބަލާފައިވަނީ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނާއި ދުންފަތުގެ ބާވަތްތައް ވިއްކާ ވިޔަފާރިތަކުން ގަވައިދާ އެއްގޮތަށް ލައިސެންސް ނަގައިގެން އަމަލުކުރޭތޯއާއި، އާންމުން ހުށަހަޅާ ޝަކުވާތަކަށް ފިޔަވަޅު އެޅުމަށެވެ.
Ads by BMLއެގޮތުން ޗެކްކުރި ތަންތަނުގެ ތެރޭގައި ކާބޯތަކެތީގެ ޚިދުމަތްދޭ 130 ރެސްޓޯރެންޓާއި ކެފޭ އަދި ހޮޓަލުގެ އިތުރުން 96 ފިހާރައެއް ހިމެނޭއިރު، އާންމުންގެ ފަރާތުން ލިބުނު ޝަކުވާތަކާ ގުޅިގެން ހަތަރު ތަނެއް ވެސް ބަލާފައިވެއެވެ.
ފާހަގަކުރެވުނު މައްސަލަތަކާ ގުޅިގެން ނަސޭހަތް ދީފައިވަނީ ކާބޯތަކެތީގެ ޚިދުމަތްދޭ 53 ތަނަކަށާއި، ދުންފަތް ވިއްކާ 44 ފިހާރައަކަށެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، ދުންފަތުގެ އިސްތިއުމާލުކުރުން މަނާކޮށްފައިވާ ތަނެއްގައި އެ އަމަލު ހިންގާނަމަ، އަދި ވިޔަފާރިކުރާ ތަންތަނުގައި ލައިސެންސް ނެތި ދުންފަތް ވިއްކާނަމަ، އެ ތަނެއްގެ ވިޔަފާރި ހުއްދަ ވަގުތީ ގޮތުން ހިފެހެއްޓުމުގެ ނުވަތަ ބާތިލުކުރުމުގެ ބާރު ކަމާބެހޭ އިދާރާތަކަށް ލިބިގެންވެއެވެ.
ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި ވޭޕް މަނާކުރުމާއި ސިނގިރޭޓުގެ ޓެކްސް ބޮޑުކުރުން ހިމެނުނު ނަމަވެސް، ފަހުން ވަނީ އެ ޓެކްސް ކުޑަކޮށްފައެވެ۔
Ads by MACL
