ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ކްރިމިނަލް ކޯޓަށް ހާޒިރުކުރަން ތިން މީހަކު ހޯދަން ފުލުހުންގެ އެހީއަށް އެދިއްޖެ

ކްރިމިނަލް ކޯޓަށް ހާޒިރުކުރަން ތިން މީހަކު ހޯދަން ފުލުހުންގެ އެހީއަށް އެދިއްޖެ

ކްރިމިނަލް ކޯޓުގައި ކުރިއަށްދާ އެކި މައްސަލަތަކުގެ ޝަރީޢަތްތަކަށް ހާޒިރުވާން ޗިޓު ފޮނުވުމުންވެސް ހާޒިރުވެފައިނުވާ ތިން މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް އެދި ފުލުހުންގެ މައްޗަށް އަމުރުކުރުމުން އެ މީހުން ހޯދުމުގެ މަސައްކަތް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ފަށައިފިއެވެ.

މި އަމުރުތަކާ ގުޅިގެން ފުލުހުން ހޯދަމުންދަނީ އއ. މާޅޮސް، ރީތިހިޔާ، އުމުރުން 24 އަހަރުގެ މުޙައްމަދު އަފްލާޙްގެ އިތުރުން މާލޭ ގ. ސެމިޓޯން، އުމުރުން 42 އަހަރުގެ އިބްރާހީމް ޝަރީފާއި، ގއ. މާމެންދޫ، މާނާގަލާ، އުމުރުން 36 އަހަރުގެ މުޙައްމަދު ނާޒިފް ރަޝީދެވެ.

މި ތިން މީހުންގެ ތެރެއިން މާލެއަށް ނިސްބަތްވާ އިބްރާހީމް ޝަރީފު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް އަންގާފައިވަނީ މާދަމާ މެންދުރުފަހު 13:00 އަށެވެ.

މި އެންމެންނަކީވެސް މައްސަލަތަކުގެ އަޑުއެހުންތަކަށް ހާޒިރުނުވުމުގެ ސަބަބުން ކޯޓު އަމުރެއްގެ ދަށުން ހޯދަމުންދާ މީހުންނަށްވާތީ، އެ މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ޑިޕާޓްމަންޓުގެ ނަންބަރު 9991442 އަށް ގުޅައި މަޢުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.