އެރައިޒް މަޝްރޫޢު: ރާއްޖޭގެ އެންމެ ބޮޑު ސޯލާ މަޝްރޫޢުގައި ސޮއިކޮށްފި!
މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ "އެކްސެލަރޭޓިންގ ރިނިއުބަލް އެނާޖީ އިންޓަގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނަރޖީ" މަޝްރޫޢުގެ ދަށުން، 15 މެގަވޮޓްގެ ސޯލާ ޕީވީ ޤާއިމުކުރުމަށް ބޭނުންވާ މުހިންމު އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ.
މިއީ ރާއްޖޭގައި މިހާތަނަށް ހިންގާ މިފަދަ އެންމެ ބޮޑު ސޯލާ ހަކަތައިގެ މަޝްރޫޢު ކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ހާމަކުރެއެވެ.
މި މަޝްރޫޢުގެ ދަށުން ސޮއިކުރެވުނު ޕަވަރ ޕަރޗޭސް އެގްރީމަންޓް ގައި ސިނަސޯ ހައިބްރިޑް ޓެކްނޮލޮޖީ އާއި ސްޓެލްކޯ ސޮއިކޮށްފައިވާއިރު، އިމްޕްލިމެންޓޭޝަން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ސިނަސޯ އާއި ތިމާވެއްޓާ ބެހޭ ވުޒާރާއާ ދެމެދުއެވެ.
Ads by BMLއަމިއްލަ ފަރާތްތަކުގެ އިންވެސްޓްމަންޓްތައް ބޭނުންކޮށްގެން 20 އަހަރުގެ މުއްދަތަށް ހިންގާ މި މަޝްރޫޢަކީ ވޯލްޑް ބޭންކާއި ބައިނަލްއަޤުވާމީ މާލީ އިދާރާތަކުގެ އެހީތެރިކަމާއެކު، ހިރާސްތައް ކުޑަކުރުމުގެ ޚާއްޞަ ފްރޭމްވަރކެއްގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެކެވެ.
މި މަޝްރޫޢު ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ދެ ލޮޓަކަށް ބަހާލައިގެންނެވެ. އެގޮތުން ލޮޓް 1 ގެ ދަށުން ލ. އަތޮޅުގެ 6 ރަށެއްގައި 2 މެގަވޮޓްގެ ސޯލާ ޕީވީ ޤާއިމުކުރާނެއެވެ. އަދި ލޮޓް 2 ގެ ދަށުން ލ. ގަން، ލ. ފޮނަދޫ، ޅ. ނައިފަރު، ގއ. ވިލިނގިލި، ށ. ފުނަދޫ، ލ. އިސްދޫ އަދި ލ. ކަލައިދޫ ހިމެނޭހެން ސަރަޙައްދީ ބޮޑެތި މަރުކަޒުތަކުގައި 13 މެގަވޮޓްގެ ސޯލާ ޕީވީ ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި، މި މަޝްރޫޢުގެ ސަބަބުން އަހަރަކު އެތެރެކުރާ ޑީސަލުން 15 މިލިޔަން ލީޓަރު ސަލާމަތް ކުރެވި، ދައުލަތުގެ ބަޖެޓުން ތެލަށް ކުރާ ހޭދައިން އަހަރަކު 180 މިލިޔަން ރުފިޔާ ސަލާމަތް ކުރެވޭނެއެވެ. މިއީ ރާއްޖޭގެ ހަކަތައިގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ ޤައުމީ އަމާޒަށް ވާސިލުވުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
Ads by MACL
